Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ފިލިޕިންސްގެ ޖަލަކުން 150 ޤައިދީން ފިލައިފި

ފޮޓޯ: އޭއެފްޕީ

ދެކުނު ފިލިޕިންސްގެ ޖަލަކަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 150 އަށްވުރެ ގިނަ ޤައިދީން ފިލައިފިއެވެ.

ކަމާއިބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި އެހަނގުރާމަވެރިން ނިސްބަތްވަނީ އިސްލާމިސްޓް ސެޕަރޭޓް ގްރޫޕްތަކަށެވެ.

ހަތިޔާރު ހިފައިގެން ތިބި ގިނަ އަދަދެއްގެ މީހުން ފިލިޕިންސްގެ ޖަލަށް ވަދެ، އެތަނުގެ ގާޑުންނާއިއެކު ބަޑީގެ ހަމަލާތައް ބަދަލު ކުރަމުން ދިޔައެވެ. އަދި އެވަގުތު އެޖަލުގައި ތިބި ޤައިދީން ވަނީ ޖަލުން ފިލާފައެވެ. އެހަމަލާގައި އެއް ގާޑަކު މަރުވެ، އެއް ޤައިދީއަކަށް ވަނީ އަނިޔާ ލިބިފައެވެ.

ކެތޮލިކް ކްރިސްޓިއަނުންގެ ބޮޑު ބައެއް އެކުލެވިގެންވާ ފިލިޕިންސްއާއި ސެޕަރޭޓިސްޓް ގްރޫޕްތަކާއި ދެމެދު ހަމަލާތައް ބަދަލު ކުރާތާ އެތައް އަހަރުތަކެއް ވެދާނެއެވެ.

އެންމެ ފަހުން އެފަދަ ހަމަލާއެއްގައި ފިލިޕިންސްގައި ހަލާކު ކޮށްފައިވާ ޖަލަކީ މިންޑަނާއޯ ރަށުގެ ނޯތު ކޮޓަބާޓޯ ޑިސްޓްރިކްޓް ޖަލެވެ.

ރޭ ހިނގި ހާދިސާއާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޖަލު ހިންގާ ފަރާތްތަކުން ބުނީ ހަނގުރާމަވެރިން ޖަލަށް އައިސްފައިވަނީ ފިލިޕިންސްގެ ގަޑިން 01:00 ގައި ކަމަށާއި، 1،500 އަށްވުރެ ގިނަ މީހުން ބަންދު ކުރެވިފައި ހުރި ޖަލަށް ބަޑި ޖަހަން ފެށި ކަމަށެވެ.

ބަޑީގެ ހަމަލާތައް ގާތްގަނޑަކަށް ދެގަޑިއިރު ވަންދެން ބަދަލު ކުރެވުނެވެ. ޖީއެމްއޭ ނިއުސްއިން ރިޕޯޓް ކުރާ ގޮތުގައި ހަމަލާތައް ބަދަލު ކުރެވުނު ވަގުތު ބައެއް ޤައިދީން ވަނީ ޖަލުގެ ފުރަގަސް ފަރާތު ފާރުތައް މަތިން އަރައި ފިލާފައެވެ.

ޖަލާއި ހަވާލުވެ ހުންނެވި ވޯޑެން ޕީޓާ ބޮންގެޓް އޭއެފްޕީ އަށް މަޢުލޫމާތު ދިން ގޮތުގައި ބަޑީގެ ހަމަލާތައް ދެވުނު މިންވަރު ގިނަކަމުން ޤައިދީން ވަނީ އެމީހުން ނިދަން ބޭނުންކުރާ ގޮދަޑިތައް ބަރިއަކަށް ޖަހައި، އޭގެ މައްޗަށް އަރައި ފާރުމަތިން ފުންމާލައިފަ ކަމަށެވެ.

އޭނާ ބުނީ އޭނާއަށް ޤަބޫލު ކުރެވޭ ގޮތުގައި އެހަމަލާ ދީފައި ވަނީ ޖަލުގައި ތިބި އިސްލާމިސްޓް ގްރޫޕަށް ނިސްބަތްވާ މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.

ފިލާފައިވާ ޤައިދީން ހޯދުމަށްޓަކައި ފިލިޕިންސްގެ ފުލުހުންނާއި ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން މިހާތަނަށް ތިން ޤައިދީއަކު ވަނީ ފެނިފައެވެ.