Last Updated: July 1, 04:05
Wednesday, July 1, 2026
މުނިފޫހިފިލުވުން

ޖެނެޓް ޖެކްސަން މަންމައަކަށް

ފޮޓޯ: ގެޓީ އިމޭޖެސް

ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަންއަށް އުމުރުން 50 އަހަރުގައި އޭނާގެ އެންމެ ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ.

ޖެނެޓް ޖެކްސަންއަށް ލިބިފައިވަނީ ފިރިހެން ކުއްޖަކު ކަމަށް އޭނާގެ ޕަބްލިސިސްޓް ވަނީ ކަށަވަރު ކޮށްދީފައެވެ.

ޖެނެޓްއާއި އޭނާގެ ފިރިހެނުން، ޤަތަރުގެ މަޝްހޫރު ވިޔަފާރިވެރިޔާ ވިސާމް އަލް މަނާގެ އެންމެ ފުރަތަމަ ދަރިފުޅު އީސާ އަލް މަނާ ލިބުމުން އެދެމަފިރިން ތިބީ ވަރަށް އުފަލުން ކަމަށް ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

ޖެނެޓްގެ ޕަބްލިސިސްޓް ބުނާގޮތުން ޖެނެޓްއަށް ވިހާފައިވަނީ ދުޅަހެޔޮކަންމަތީ އެއްވެސް ކަންބޮޑުވުންތަކެއް ނެތިކަމަށާއި މިހާރު އޭނާ ދަނީ އަރާމް ކުރަމުން ކަމަށެވެ.

ޖެނެޓް ޖެކްސަން ބަނޑުބޮޑުވި ކަމުގެ ވާހަކަތައް މިދިޔަ އަހަރުގެ އޭޕްރީލް މަހު ފެތުރެން ފެށީ އޭނާގެ 'އަންބްރޭކެބަލް' މިއުޒިކް ޓުއާ ފަސް ކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ޖެނެޓް ޖެކްސަން ވަނީ ޓްވިޓާގައި ވީޑިއޯއެއް ޕޯސްޓް ކޮށްފައެވެ. އެޕޯސްޓްގައި އޭނާ ބުނެފައިވާ ގޮތުން ޓުއާ ލަސްކުރަން ޖެހުނީ ކުއްލި ބަދަލެއް އައުމުގެ ސަބަބުންނެވެ.

ޖެނެޓްއަކީ އެހާ އުމުރުން ދުވަސްވެފައި ވަނިކޮށް ވިހާފައިވާ ހަމައެކަނި މަޝްހޫރު ތަރިއެއް ނޫނެވެ.

އޮސްކާ އެވޯޑް ލިބިފައިވާ ހޭލީ ބެރީ ވަނީ މީގެ ތިން އަހަރު ކުރިން އުމުރުން 47 އަހަރުގައި އޭނާގެ ދެވަނަ ދަރިފުޅު ވިހާފައެވެ. އަދި ޖޯން ޓްރެވޮލްޓާގެ އަންހެނުން ކެލޯ ޕްރެސްޓަންވެސް އޭނާގެ ތިންވަނަ ދަރިފުޅު ވިހާފައިވަނީ އުމުރުން 48 އަހަރުގައެވެ.