Last Updated: June 12, 02:23
Thursday, June 11, 2026
ސިޔާސީ

"މަޖިލީހަށް 2014 ގައި އައްޑު އަށް މެމްބަރަކު އިތުރު ވާނެ"

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމި ދެން އަންނަ ދައުރަަކަށް މެމްބަރު އިންތިހާބު ކުރާ އިރު، އައްޑު އަށް މެންބަރަކު އިތުރު ވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިހާރު ތިއްބެވި 77 މެމްބަރުންގެ ބަދަލުގައި 2014 ގައި އިންތިހާބް ކުރެވޭ މަޖިލީހުގައި ޖުމްލަ 83 އަރާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން ފަހެއް ނުވަތަ ހަ ގޮނޑި އަލަށް އިތުރު ވާނެ ކަމަށް މިހާރު ވެސް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު އައްޑު ތަމްސީލް ކުރައްވަނީ ހަ މެމްބަރުންނެެވެ. އެެއީ ފޭދޫ، މަރަދޫ، ހުޅުމީދޫ، ހިތަދޫ ދެކުނު، ހިތަދޫ މެދު އަދި ހިތަދޫ އުތުރު ދާއިރާ އެވެ.

ފުވާދު ވިދާޅުވީ 2009 ގައި ރާއްޖޭގެ އާބާދީ ހުރި މިންވަރާއި އަޅާ ބަލާ އިރު، ބައެއް ސަރަހައްދުތަކުގައި މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އިތުރުވާ ކޮންމެ ފަސްހާހަކަށް މެންބަރަކު އިތުރު ކުރަން ޖެހޭނެ ކަމަށެވެ.

އާބާދީ އިތުރުވެފައިވާ ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ހަ ދާއިރާއަކީ އައްޑޫ ސިޓީ އާއި މާލޭގެ ދާއިރާއެއް ކަމަށްވާ ހުޅުމާލެއިންނާއި، ހދ. އަތޮޅާއި، ތ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން އދ. އަތޮޅު ނަމަވެސް މި އަދަދުތައް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އިދާރީ ދާއިރާތަކަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދު ކަނޑައެޅިގެން ދަންނަވަން އެނގޭނީ މެއި މަހުގެ ނިޔަލަށް ލިބެންޖެހޭ އިދާރީ ދާއިރާތަކުގެ އާބަދީގެ އަދަދުތައް އިލެކްޝަންސް ކޮމިޝަނަށް ލިބެމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ގާނޫނޫގެ ހަތްވަނަ މާއްދާގައި ބުނެފައިވަނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުގެ އެއް އަހަރާއި ދިހަ މަސްދުވަހާ ދެމެދު އިދާރީ ދާއިރާތަކުގެ އާބާދީގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ހޯދަން ޖެހޭނެ ކަމަށެވެ.