Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ރޭލު އެކްސިޑެންޓްގައި 100 މީހަކަށް އަނިޔާވެއްޖެ

ފޮޓޯ: އޭޕީ

އެމެރިކާގެ ނިއު ޔޯކް ސިޓީގެ ބްރޫކްލިންގައި ލޯންގް އައިލެންޑް ރެއިލްރޯޑްގެ ޓެރެއިންއެއް އެކްސިޑެންޓްވި ހާދިސާގައި 100 މީހުންނަށް ކުދިކުދި އަނިޔާތައް ލިބުނު ކަމަށް ނިއު ޔޯކްގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ބުދަ ދުވަހު އެހާދިސާ ހިނގި ސަރަޙައްދުގައި ތިބި ފަޔާ އޮފިޝަލުން ބުނެފައިވާ ގޮތުގައި ރޭލަކުން އައި ދަނގަޑު ކޮޅެއް އެޓްރެއިންގެ ދަށަށް ވަނުމުގެ ސަބަބުން ޓްރެއިންގެ ހުރުޅިތައް މައްޗަށް އެރިކަމަށެވެ. އަދި ރޭލުދަނގަޑުން ދުރުގައި އޮންނަ މަސައްކަތް ކުރާ ސަރަޙައްދެއްވެސް އެހާދިސާގެ ސަބަބުން ހަލާކުވެފައިވާ ކަމަށެވެ.

ގަވަރުނަރު އެންޑްރިއު ކުއޮމޯ ވިދާޅުވީ އެޓްރެއިން ދުއްވާފައި ދިޔައީ ވަރަށް މަޑުން ކަމަށާއި އެއީ އަސްލު ރޭލުދަނގަޑުން ކައްސާލައިގެން ދިމާވި އެކްސިޑެންޓެއް ނޫން ކަމަށެވެ.

އަނިޔާވި މީހުންގެ ތެރެއިން 11 މީހުން ވަނީ ހޮސްޕިޓަލުތަކަށް ގެންގޮސްފައެވެ. އެސަރަހައްދުގައި ތިބި އޮފިޝަލުން މަޢުލޫމާތު ދިން ގޮތުގައި އެޓްރެއިންގައި 600 އާއި 700 އާއި ދެމެދުގެ އަދަދަކަށް މީހުން ތިބިއެވެ.

އޮފިޝަލުން އިތުރަށް ބުނި ގޮތުގައި އެހާދިސާ ހިނގި ވަގުތު ގިނަ އަދަދެއްގެ މީހުން ޓްރެއިންއިން ފޭބުމަށްޓަކައި ތިބީ ކޮޅަށެވެ.

އެހާދިސާ ހިނގި ސަބަބު މިހާރު ދަނީ ތަހުޤީގު ކުރަމުންނެވެ.