ހައުސިން މިނިސްޓްރީގެ ބައެއް ހަރު މުދަލަށް ވީނުވީއެއް ނޭގޭކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބައެއް ހަރު މުދާ އޮޑިޓް ސާމްޕަން ނެގިއިރު ފެނިފައި ނުވާކަމަށެވެ. އަދި އެތަކެތި ހުރިތަނެއް މިނިސްޓްރީގެ ޕްބްލިކް ސާވިސް މުވައްޒަފުންނަށް ބުނެ ދެވިފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން ހައުސިން މިނިސްޓްރީން އެމިނިސްޓްރީގެ ހަރުމުދަލުގެ ރެކޯޑް މާލިއްޔަތު ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓަމުން ނުދާކަން ފާހަގަކޮށްފައިވެއެވެ.
އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބައެއް ހަރުމުދަލަށް ވީނުވީއެއް ނޭގޭކަމަށް އޮޑިޓް ރިޕޯޓްގައި އޮތް ނަމަވެސް އެއީ ކޮންކޮން މުދަލެއްކަން ބަޔާންކޮށްފައި ނުވެއެވެ.
2014 ވަނަ އަހަރުގެ ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ގިނަ މައްސަލަ ވަނީ ފާހަގަކޮށްފައެވެ.