Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ރައީސް ގަދަބާރުން ވެރިކަމުގައި ހުންނަވަން ސިފައިން ތާއީދު

ގެންބިޔާގެ ރައީސް ޔަހްޔާ ޖާމިއު ގަދަބާރުން ވެރިކަމުގައި ހުންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެގައުމުގެ ސިފައިން ތާއީދުކޮށްފިއެވެ.

ގެންބިޔާގެ ސިފައިންގެ ވެރިޔާ ޖެނެރަލް އުޘްމާން ބަދްޖީ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް ޔަހްޔާ ޖާމިއު ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ މުއްދަތަކަށް ވެރިކަމުގައި ބެހެއްޓުމަށް އޭނާއާއި ގެންބިޔާގެ ސިފައިންގެ ލަޝްކަރުތަކުގެ ތާއީދު އޮންނާނެ ކަމަށެވެ.

މިމަހުގެ 19 އަށް ރައީސް ޔަހްޔާ ޖާމިއު ވެރިކަމުގެ މުއްދަތު ހަމަވާނެއެވެ.

ފާއިތުވި ޑިސެމްބަރު މަހުގެންބިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔަހްޔާ ވަނީ ނާކާމިޔާބުވުމުން އެކަން ފުރަތަމަ ޤަބޫލުކުރެއްވި ނަމަވެސް އޭގެ ހަފްތާއެއް ފަހުން އޭނާ ވަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައި ކަމަށް ބުނެ ނިންމުން އަނބުރާ ގެންދަވާފައެވެ.

ހުޅަނގު އެފްރިކާގެ ފަޤީރު ޤައުމެއް ކަމުގައިވާ ގެމްބިޔާގެ ރައީސް ޔަހްޔާ ޖާމިއު އެގައުމުގައި ހަރުކަށި ވެރިކަމެއް ކުރައްވަމުން ގެންދަވާތާ 22 އަހަރު ވަނީ ވެފައެވެ.

ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ސަރަހައްދީ ޖަމްޢިއްޔާ (އީކުވާސް) އިން ވަނީ ރައީސް ޔަހްޔާ ޖާމިއު މަގާމުން ދުރުކުރުމަށްޓަކައި އެޖަމްއިއްޔާގެ ގައުމުތަކުގެ ސިފައިން ހިމެނޭ ބޮޑު ލަޝްކަރެއް ގެންބިޔާއަށް ފޮނުވާނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން ރައީސް ޔަހްޔާގެ ނިންމުމާއި އެކު އެޤައުމުގެ އިލެކްޝަންސް ކޮމިޝަނަރ ވެސް ސިއްރިއްޔާތުގައި ޤައުމުން ފިއްލަވާފައިވާ ކަމަށް ވެއެވެ.