Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އޮޓަމެޓިކް ޕާކިން ސިސްޓަމް ޓެސްޓްކޮށްފި

މާލޭގެ މަގުމަތި ދުއްވާއެއްޗެހިން ތޮއްޖެހި ވަނިކޮށް، އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ތެރެއިން ފުރަތަމަ ބެހެއްޓި އޮޓެމެޓިކް ޕާކިން ސިސްޓަމް ޓެސްޓްކޮށްފިއެވެ.

ވެލާނާގެ ކައިރީގައި ބަހައްޓާފައިވާ އޮޓަމެޓިކް ޕާކިން ސިސްޓަމްގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް އާއި ހައުސިން މިނިސްޓަރ ޑޮރ މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން ވަނީ ބައްލަވާލައްވާފައެވެ.

މި ސިސްޓަމް ޓެސްޓްކުރިއިރު ވަރަށް ފުރިހަމަކަމަށް ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވެލާނާގޭ ސަރަހައްދުގައި ބެހެއްޓި ޕާކިން ސިސްޓަމުގައި 10 ކާރަށް ޕާކް ކުރެވޭއިރު ޕާކިންއަށް ނަގާނެ އަދަދަކާއި މެދު ހައުސިން މިނިސްޓްރީން އަންނަނީ ވިސްނަމުންނެވެ. އެމިނިސްޓްރީން ބުނީ އޮޓަމެޓިކް ޕާކިން ސިސްޓަމުގައި ވެހިކަލް ޕާކް ކުރުމަށް ނަގާ އަގު ވަރަށް އަވަހަށް ގެޒެޓް ކުރާނެ ކަމަށެވެ.

ރާއްޖޭގައި އަލަށް ބެހެއްޓި އޮޓަމެޓިކް ޕާކިން ސިސްޓަމުގެ 10 ސިސްޓަމް ބެހެއްޓުމަށް ހައުސިން މިނިސްޓްރީން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ 2 ވަނަ ސިސްޓަމެއް ވަރަށް އަވަހަށް އައިޖީއެމްއެޗް ސަރަހައްދުގައި ބަހައްޓާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސައިކަލް ޕާކް ކުރުމަށް ވަކި ސިސްޓަމެއް މިމަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އޮޓަމެޓިކް ޕާކިން ސިސްޓަމް ބެހެއްޓުމާއި ގުޅިގެން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ސަރުކާރު ޕްރޮމޯޓް ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނީ މިއީ ދުރުވިސްނޭ އިގްތިސާދީ ލީޑަރެއްގެ ހިންގުންތެރިކަމުގެ މިސާލެއް ކަމަށެވެ.