ބެންކް އޮފް ސިލޯން (ބީއޯސީ)އިން ނަގާފައިވާ ލޯނަކަށް އެމްވީކޭ މޯލްޑިވްސްއިން ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ ސ. ގަން ދޫގަސް ވިއްކާ ނުލައި އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.
ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އެމްޕީއެލްއިން ބުނީ، އެތަން ވިއްކާ ނުލައި ބީއޯސީ އާއި ސަރުކާރާއި އެކު މަޝްވަރާކޮށް އެތަނުގެ ފައިސާގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްވީކޭއިން ލޯނަށް ފައިސާ ނުދައްކާތީ އެތަން ވިއްކާލުމަށް، ނުވަތަ ކުއްޔަށް ދޫކުރުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ ބީއޯސީއަށް ދީފައެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، ދޫގަސް ލިބޭތާ 2 މަސް ދުވަހުގެ ތެރޭގައި ތަން މަރާމާތުކޮށް ހިދްމަތް ދޭން ފަށާނެކަމަށެވެ.
އެމްވީކޭ އާއި ދޫގަސް ހަވާލު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ. އެތަން ރަހުނުކޮށް އެމްވީކޭއިން ލޯން ނެގީ 2012 ވަނަ އަހަރުއެވެ. އެމްވީކޭއަކީ އޭރު ދެކުނު ދަތުރުފަތުރުގެ ހިދްމަތްދޭން ނަޝީދުގެ ސަރުކާރުން ކަޑައެޅި ކުންފުނިއެވެ.