ބޮލީވުޑްގެ އެންމެ ނުފޫޒް ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަރީނާ ކަޕޫރުގެ އޮޓޮބައޮގްރަފީ "ދަ ސްޓައިލް ޑައިރީ އޮފް އަ ބޮލީވުޑް ޑީވާ" ނެރެފި އެވެ.
ކަރީނާ އާއި ލިޔުންތެރިޔާ ރެޗެލް ޕިންޓޯ ގުޅިގެން ލިޔެފައިވާ "ދަ ސްޓައިލް ޑައިރީ އޮފް އަ ބޮލީވުޑް ޑީވާ" ނެރުމަށް އިއްޔެ ބޭއްވި ކުލަ ގަދަ ހަފުލާގައި ފޮތް ނެރެދެނީ ކަރީނާ އާއި އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަދި ކަރީނާގެ އޮޓޮބައޮގްރަފީ ޕަބްލިޝްކުރުމުގައި ހިއްސާވި އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޕެންގުއިންގެ އިންޑިއާގެ މޫނުމަތި ކަމަށްވާ ޝޯބާ ޑޭ އެވެ.
"ދަ ސްޓައިލް ޑައިރީ އޮފް އަ ބޮލީވުޑް ޑީވާ" ނެރުމުގެ ހަފުލާގައި ވާހަކަ ދައްކަމުން ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ކަރީނާ ބުނީ އެ ފޮތުން އޭނާގެ ޝަހުސިއްޔަތާއި އޭނާގެ ދިރިއުޅުމާ ބެހޭ ވަރަށް ގިނަ ތަފުސީލީ މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން އޭނާ ފިލްމްގެ ފުރާވަރު އުމުރުން ފެށިގެން ގޮސް 2000 ވަނަ އަހަރު ފިލްމް "ރެފިއުޖީ" އިން ބޮލީވުޑުގައި ފައިތިލަ ޖައްސާލުމަށް ފަހު، ކާމިޔާބް ބަތަލާއަކަށްވުމަށް އޭނާ މަސަައްކަތް ކުރި ގޮތް ވަރަަށް ރަނގަޅަަށް ފޮތުން ދައްކުވައި ދޭނެ ކަމަށް ވެސް ކަރީނާ ބުންޏެވެ.
މީގެ އިތުރުން އޭނާ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކުރާ މަސައްކަތާއި ރީތިކަން ދެމެހެެއްޓުމަށް މަސަައްކަތް ކުރާ ގޮތާއި ކެއުމުގެ އާދަތަައް ގެންގުޅޭ ގޮތާއި ހެދުން އެޅުމުގައި ބަލާ ކަންތައްތަކަށް ވަރަށް ތަފުސީލްކޮށް އަލި އަޅުވާލާފައިވާނެ ކަމަށް 32 އަހަރުގެ ބަތަލާ ބުންޏެވެ.
ބާޒާރުން މިހާރު ލިބެން ހުރި "ދަ ސްޓައިލް ޑައިރީ އޮފް އަ ބޮލީވުޑް ޑީވާ" ވިއްކަނީ 699 ރުޕީސްއަށެވެ.