އަނބިމީހާ މެރުމަށްފަހު އޭނާގެ މަރުވެފައިވާ ހަށިގަނޑު ފްރިޖެއް ތެރޭގައި ފޮރުވައިގެން ގެންގުޅުނު އިންޑިއާގެ ފިރިހެނަކު އުމުރަށް ޖަލަށް ލައިފިއެވެ.
ބުދަ ދުވަހު އިންޑިއާގެ ތޭންގެ ކޯޓަކުން ވަނީ އުމުރުން 35 އަހަރުގެ ގިރީޝް ޕޯޓޭ 2013 ވަނަ އަހަރު އޭނާގެ އަންހެނުން މަރާލި ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ޙުކުމް ކޮށްފައެވެ.
ގިރީޝްގެ އަންހެނުން މަދުވަންތީ ޕަތަކް އަކީ ފްރާންސްގެ ރައްޔިތެކެވެ.
ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފައިވާ ގޮތުން ޕޯޓޭ ވަނީ އޭނާގެ އަންހެނުން މަރާލުމަށްފަހު، އޭނާގެ ހަށިގަނޑު ކުދިކުދިކޮށް ކޮށާފައެވެ.
އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ޕޯޓޭ އޭނާގެ ކުށަށް އިޢްތިރާފް ވުމަށްޓަކައި އޭނާގެ ގާތްތިމާގެ މީހުންނަށް ގުޅުމުން، އެމީހުން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
އިންޑިއާގެ އުމުރަށް ޙުކުމް ކުރުމުގެ އަދަބަކީ 14 އަހަރު ދުވަހުގެ ޙުކުމެކެވެ. އެހެންނަމަވެސް ޕޯޓޭ އެހާ އިހާނެތިކޮށް އޭނާގެ އަންހެނުން މެރުމުން، ތޭން ޑިސްޓްރިކްޓްގެ ފަނޑިޔާރު ކަމަށްވާ މްރިދުލާ ބާޓިއާ ވަނީ ޕޯޓޭ ދިރިހުރިހާ ދުވަހަކު ޖަލުގައި ހުރުމަށް ޙުކުމް ކޮށްފައެވެ.
ޕޯޓޭގެ ޝިކާރައަކަށްވި އޭނާގެ އަންހެނުން ޕަތަކްގެ މަންމައަކީ ފްރާންސްއަށް އުފަން މީހެއް ކަމުން ޕަތަކް އަތުގައިވެސް އޮތީ ފްރާންސްގެ ޕާސްޕޯޓެކެވެ.
ޕޯޓޭއާއި ޕަތަކް ކައިވެނި ކޮށްފައިވަނީ 20 ޖޫން 2006 ގައެވެ. އަދި އެދެމަފިރިން ދިރިއުޅެމުން ދިޔައީ މުމްބާއީގެ ބަޔަންޑަރް ސަރަޙައްދުގައެވެ.
އެދެމަފިރިންގެ ކައިވެންޏަށް އެއް ފިރިހެން ދަރިފުޅަކު ލިބިފައިވެއެވެ. ކުށް ހިނގި ވަގުތު އެކުއްޖާ ހުރީ ޕޯޓޭގެ މައިންބަފައިން ކައިރީގައެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި ޕޯޓޭ އޭނާގެ އަންހެނުންނަށް ހަމަލާ ދީފައިވަނީ ވަޅިންނެވެ.
ޕަތަކް ފްރާންސްއަށް އެނބުރި ދިއުމަށް ބޭނުންވާތީ އެދެމަފިރިން މާލީ މައްސަލަތާކައި ގުޅިގެން ޒުވާބު ކުރަމުން ދިޔަ ކަމަށްވެސް ފުލުހުން ބުނެއެވެ.