އާ އަހަރު ފާހަގަ ކުރުމުގެ ތެރޭގައި އިންޑިއާގެ ބެންގަލޫރު ސިޓީގައި ގިނަ އަދަދެއްގެ އަންހެނުންނަށް އެކިކަހަލަ ފުރައްސާރަ ކުރެވުމާއި ގުޅިގެން، ކައިރި މުސްތަޤުބަލެއްގައި ބެންގަލޫރުގެ އެކިއެކި ސަރަޙައްދުތަކުގައި 5،000 ސީސީޓީވީ ކެމެރާ ހަރުކުރެވިގެން ދާނެކަމަށް ކަރްނާޓާކާ ސަރުކާރުން ހާމަކޮށްފިއެވެ.
ދެމަސް ދުވަހުގެ ތެރޭގައި ހަރުކޮށް ނިންމޭނެ 5،000 ސީސީޓީވީ ކެމެރާގެ އިންސްޓޮލޭޝަންއަށް 39 ކްރޯޑް ރުޕީސް ޚަރަދު ވާނެއެވެ.
ބެންގަލޫރުގެ ކަމަނަހައްލީގައި ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ހިނގާފައި ދިޔަ އަންހެން ކުއްޖަކާއި ސައިކަލަކުން ދިޔަ ދެމީހަކު ބެހޭތަން ފެނޭ ސީސީޓީވީ ފުޓޭޖެއް އާންމުވުމާއި ގުޅިގެން، ހޯމް މިނިސްޓަރު ޖީ ޕަރަމޭޝްވަރާ ވިދާޅުވެފައި ވަނީ ބެންގަލޫރުގެ އެންމެ ހަލަބޮލި ސަރަޙައްދުތަކުގައި ކެމެރާ ސަވެއިލެންސް އިތުރު ކުރުމަށް ފުލުހުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ބެންގަލޫރަކީ އަބަދުވެސް ރައްކާތެރި ސިޓީއެއް ކަމަށާއި، އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް ސަރުކާރުން އިސްކަން ދޭކަމަށާއި، ބެންގަލޫރަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
ފުލުހުންގެ ކޮންޓްރޯލް ރޫމްގެ ފޯން ލައިންތަކުގެ އަދަދު 15 އިން 100 އަށް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އިތުރު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. ފުލުހުންގެ އިމާޖެންސީ ލައިން ނަމްބަރަކީ 100 އެވެ. އެނަމްބަރަށް ގުޅޭނެ ލައިންތައް 100 އިތުރު ކުރުމަށްޓަކައި 14 ކްރޯޑް ރުޕީސް ހޭދަ ކުރެވޭނެއެވެ.
ފުލުހުންނާއި ގުޅޭ ފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި ފޯން ލައިންތައް އިތުރު ކުރުމުން، އެއްވަގުތެއްގައި ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިކަން ފޯރު ކޮށްދެވޭނެ އެވެ.
އަދި ހަމަ އެހެންމެ ސަރުކާރުން ވަނީ ފުލުހުންގެ ފައުޖުގައި އުޅޭ އަންހެން އޮފިސަރުންގެ އިންސައްތަ 5% އިން 20% އަށް އިތުރު ކުރުމަށްވެސް ނިންމާފައެވެ.