ސީރިއާގެ ޖަބްލެހް ސިޓީގައި ބުރާސްފަތި ދުވަހު ހިނގި ބޮމުގެ ހަމަލާއެއްގައި މަދުވެގެން 14 މީހުން މަރުވި ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފިއެވެ.
ސީރިއާގެ ސްޓޭޓް ޓީވީ ޗެނަލުންވެސް ވަނީ އެހަމަލާގެ ޚަބަރު ބްރޯޑްކާސްޓް ކޮށްފައެވެ. އެޗެނަލުން ރިޕޯޓް ކުރި ގޮތުގައި އެއީ ޖާނުން ފިދާވެގެން ދިން ހަމަލާއެކެވެ. އަދި 9 މީހުން މަރުވެ 25 މީހުން ޒަޚަމް ވެފައިވާ ކަމަށްވެސް އެޗެނަލުން ވަނީ ރިޕޯޓް ކޮށްފައެވެ.
އޮބްޒަވޭޓަރީގެ އިސްވެރިޔާ ރާމީ އަބްދެލް ރަހްމާން ބުނެފައިވާ ގޮތުން އެބޮން ގޮވާފައިވަނީ އެސިޓީގެ މުނިސިޕަލް ސްޓޭޑިއަމް ކައިރިންނެވެ. އަދި މަރުވި މީހުންނަކީ އާންމު ރައްޔިތުންތޯ ނުވަތަ ސަރުކާރުގެ ހަނގުރާމަވެރިންތޯ ނުވަތަ ވަފާތެރި ހަނގުރާމަވެރިންތޯ ކަށަވަރު ނުވާ ކަމަށްވެސް އޭނާ މަޢުލޫމާތު ދިނެވެ.
އެހާދިސާ ހިނގި ސަރަޙައްދު ސަލާމަތީ ބާރުތަކުން ވަނީ ބަންދު ކޮށްފައި ކަމަށާއި އެސަރަޙައްދަށް ވަނުން މަނާކުރެވިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ސަރުކާރުގެ ޓީވީ ޗެނަލުން ބްރޯޑްކާސްޓް ކޮށްފައިވާ މަންޒަރުތަކުން ދައްކާފައިވަނީ ކާރެއް އަނދާ ހުލިވާ ތަނާއި އެމަންޒަރު ބަލަން ތިބި މީހުންނެވެ.
އެޗެނަލުން ބުނާގޮތުގައި އެހާދިސާ ހިނގާފައިވަނީ މީހުން ގިނަ މަގެއްގައެވެ.
މިދިޔަ އަހަރުގެ މެއި މަހު އައިއެސް އިން ޖަބްލޭހްއާއި ޓާޓަސްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާތަކެއްގައި 170 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.