ބޮލީވުޑްގެ ފިލްމަތަކުގައި އެކްޓްކޮށް އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ މަޝްހޫރު އެކްޓަރު އޯމް ޕޫރީ މަރުވެއްޖެއެވެ.
އޯމް ޕޫރީ މަރުވިއިރު އޭނާގެ އުމުރަކީ 66 އަހަރެވެ.
ރިޕޯޓްތައް ބުނާގޮތުން އޯމް ޕޫރީއަށް ވަނީ ހުކުރު ދުވަހު ހާޓް އެޓޭކްއެއް ޖެހިފައެވެ.
1980ގެ އަހަރުތަކުގައި އިންޑިއާގެ ސިނެމާތަކުގައި އެޅުވި އެންމެ މަޝްހޫރު ފިލްމްތަކުގައި އޯމް ޕޫރީ ވަނީ އެކްޓް ކޮށްފައެވެ.
އަދި ހަމަ އެހެންމެ އޭނާ ވަނީ އިނގިރޭސިވިލާތުގެ ފިލްމްތަކުގައިވެސް އެކްޓް ކޮށްފައެވެ. އެގޮތިން މަހާތުމާ ގާންދީއާއި ބެހޭގޮތުން ރިޗާޑް އެޓެންބޮރޯ ހަދާފައިވާ ފިލްމުގައި އޯމް ޕޫރީ ވަނީ ކެމިއޯއެއް ދީފައެވެ.
އެކިއެކި ވައްތަރުގެ ފިލްމްތަކުން ފެނިގެންދިޔަ އޯމް ޕޫރީ ވަނީ ބޮލީވުޑް، ޕާކިސްތާނީ، ބްރިޓިޝް އަދި ހޮލީވުޑް ފިލްމްތައްވެސް ކުޅެފައެވެ. އޭނާ އިނގިރޭސި ވިލާތުގެ ފިލްމް އިންޑަސްޓްރީއަށް ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 2004 ވަނަ އަހަރު އޭނާއަށް ވަނީ ޝަރަފްވެރި އޯބީއީއެއް އެވޯޑް ކޮށްފައެވެ.
އޭނާ އެކްޓް ކޮށްފައިވާ މަޝްހޫރު ބައިނަލްއަޤްވާމީ ފިލްމްތަކުގެ ތެރޭގައި ބްރިޓިޝް ކޮމެޑީއެއް ކަމަށްވާ 1999 ވަނަ އަހަރު ރިލީޒްކުރި 'އީސްޓް އިޒް އީސްޓް' ހިމެނެއެވެ. އެފިލްމަކީ އުތުރު އިންގްލޭންޑްގައި ދިރިއުޅުން ބިނާކުރުމަށް މަސައްކަތް ކުރާ ޕާކިސްތާނުގެ ހިޖުރަވެރިއެއްގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.
އޭގެ އިތުރުން 'ސިޓީ އޮފް ޖޯއި'، 'ދަ ރިލަކްޓެންޓް ފަންޑަމެންޓަލިސްޓް' އަދި ދާދިފަހުން 'ދަ ހަންޑްރެޑް-ފުޓް ޖާނީ' ގައިވެސް އޯމް ޕޫރީ ވަނީ އެކްޓް ކޮށްފައެވެ.
އިންޑިއާގައި އޯމް ޕޫރީގެ އެންމެ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި 'އަރްދް ސަތުޔާ'، 'ސަދްގަތީ'، 'ޕާރް' އަދި 'ޖާނޭ ބީ ދޯ ޔާރޯ' ހިމެނެއެވެ.
ބީބީސީގެ ސޫތިކް ބިސްވާސް ބުނާގޮތުން އޯމް ޕޫރީ އަކީ އިންޑިއާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެގޮތުން އޭނާ ވަނީ މަޝްހޫރު ތަރިން ކަމަށްވާ ޖެކް ނިކޮލްސަން އަދި ޓޮމް ހޭންކްސް އާއިއެކުވެސް މަސައްކަތް ކޮށްފައެވެ.
މީގެ ދެހަފްތާ ކުރިން ކޮށްފައިވާ ޓްވީޓެއްގައި އޯމް ޕޫރީ ވަނީ އޭނާގެ ދިރިއުޅުމުގެ މައްޗަށް އަލިއަޅުއްވާފައެވެ.


ބޮޑު ވަޒީރު ނަރޭންދްރަ މޯދީގެ އިތުރުން ވަރަށް ގިނަ ފިލްމީ ފަންނާނުން ވަނީ ޓްވިޓާގައި އޯމް ޕޫރީގެ މަރާއި ގުޅިގެން އިޙްތިރާމްގެ މެސެޖުތައް ފޮނުވާފައެވެ.






