Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ސީރިއާގެ ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

އިދިކޮޅު ފަރާތްތަކުން ހިޞާރު ކޮށްފައިވާ ސީރިއާގެ ރަށެއް ކަމަށްވާ އަޒާޒްގައި ތުރުކީގެ ބޯޑަރު ކައިރީގައި ހިނގި ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 43 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓް ކުރެވެއެވެ.

އެހާދިސާ ހިނގާފައިވަނީ އެރަށުގެ ކޯޓެއްގެ ބޭރުގައެވެ. އެއީ ތުރުކީއާއި ސީރިއާއާއި ދެމެދު އޮންނަ ބޯޑަރުގެ 7 ކިލޯމީޓަރު ދުރުންނެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ދާދިފަހުން އަޒާޒްއަށް އެގްރޫޕްގެ ހަމަލާތައް އަމާޒު ކޮށްފައެވެ.

ރަޝިއާއާއި ތުރުކީއާއި ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން ސީރިއާއަށް ދެމުން ގެންދިޔަ ބަޑީގެ ހަމަލާތައް ވަނީ ހުއްޓިފައެވެ. އެހެންނަމަވެސް އެ އެއްބަސްވުމުގައި އައިއެސްއެއް ނުހިމެނެއެވެ. އަދި އެންމެ ފަހުން ދެވުނު ހަމަލާއަކީ މުޅި ޤައުމަށް ދިން ބަޑީގެ ހަމަލާތަކަށްފަހު ދެވަނައަށް އެންމެ ބޮޑު ހަމަލާއެވެ.

މިހާދިސާގެ ޒިންމާ އެއްވެސް ގްރޫޕަކުން އަދި ނަގާފައި ނުވާއިރު، އޭގައި 60 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެކްޓިވިސްޓް ގްރޫޕް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އިދިކޮޅު ފަރާތުގެ ހަމީހުން ހިމެނޭއިރު، ތެން ތިބީ ހުސް އާންމު ރައްޔިތުންނެވެ.

އައިއެސްގެ ބާރުދަށުގައި ކުރިން 2013 ވަނަ އަހަރު އޮތް އަޒާޒް އެނބުރި އެގްރޫޕްގެ ބާރުގެ ދަށަށް ގެނައުމަށް އައިއެސްއިން ވަނީ ކުރިންވެސް މަސައްކަތް ކޮށްފައެވެ.

އަޒާޒް އަކީ ތުރުކީއިން ސަޕޯޓްކުރާ ފްރީ ސީރިއަން އާމީގެ ބޮޑު ނުފޫޒެއް އޮންނަ ރަށެކެވެ.