Last Updated: July 1, 00:12
Tuesday, June 30, 2026
ވިޔަފާރި

އެމެރިކާގައި މިދިޔަ މަހު 156،000 ވަޒީފާ އުފެއްދި

ފޮޓޯ: ގެޓީ އިމޭޖެސް

އެމެރިކާއިން އެންމެ ފަހުން އާންމުކުރި އިޤްތިޞާދީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރުގެ ޑިސެމްބަރު އެމެރިކާގެ ވިޔަފާރިތަކުން ވަނީ 156،000 ވަޒީފާ އުފައްދާފައެވެ. މިކަން އާންމު ކުރެވިފައި މިވަނީ އިންތިޚާބީ ރައީސް ޑޯނަލްޑް ޓްރަމްޕް ވެރިކަމުގެ ހުވާ ކުރުމުގެ 12 ދުވަސް ކުރިންނެވެ.

އެއީ ނޮވެމްބަރު މަހު އުފެއްދި 204،000 ވަޒީފާއާއި އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. އަދި ލަފާކުރި 175،000 ވަޒީފާއަށްވުރެ 19،000 ވަޒީފާ މަދު އަދަދެކެވެ.

އަދި ހަމަ އެއާއިއެކު ޖޮބްލެސް ރޭޓް ވަނީ 4.6% އިން 4.7% އަށް އިތުރުވެފައެވެ. ޖޮބްލެސް ރޭޓަކީ ވަޒީފާ އަދާ ކުރާ މީހުންގެ އަދަދު އެއްވަރެއްގައި ހުރެ ނުވަތަ ދަށްވި ނަމަވެސް އެޤައުމެއްގެ އިޤްތިޞާދު ކުރިއެރުމެވެ.

20 ޖެނުއަރީގައި ރައީސްކަމުގެ ހުވާ ކުރައްވާނެ ޑޯނަލްޑް ޓްރަމްޕް ވަނީ 10 އަހަރުގެ ތެރޭގައި 25 މިލިއަން ވަޒީފާ އުފައްދަވާނެ ކަމަށް ވަޢުދު ވެވަޑައިގެންފައެވެ.

އެމެރިކާގެ ބިއުރޯ އޮފް ލޭބާ ސްޓެޓިސްޓިކްސް އިން ބުނެފައިވާ ގޮތުގައި އަހަރަކުން އަހަރަކަށް މުސާރަ ބޮޑުވާ މިންވަރު ވަނީ ޑިސެމްބަރު މަހު 2.7% އަށް އިތުރުވެފައި ކަމަށެވެ. އެއީ ނޮވެމްބަރު މަހު ރެކޯޑް ކުރެވުނު 2.5% އިންސައްތައަށްވުރެ 0.2% ގެ ކުރިއެރުމެކެވެ. އަދި އެއީ 2009 ވަނަ އަހަރުގެ ޖޫން މަހަށްފަހު ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ.

ނޮވެމްބަރު އުފައްދާފައިވަނީ 178،000 ވަޒީފާ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެވުނު ނަމަވެސް، އެއަދަދު ވަނީ ފަހުން އިސްލާހުކޮށް 204،000 އަށް ބަދަލު ކުރެވިފައެވެ.