Last Updated: July 3, 11:07
Friday, July 3, 2026
ރިޕޯޓް

އައްޑޫ އަންދާލިތާ އެއް އަހަރު

8 ފެބްރުއަރީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން.

ފެބްރުއަރީ 7 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން އޭގެ އެންމެ ބޮޑު އަސަރެއްކުރީ އައްޑޫއަށެވެ. އައްޑޫއަށް ވަނީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ދީފައެވެ. އަދި އަދަށްވެސް އެހާނދާންތަކާއި ދުރައް ނުދެވެއެވެ. އެދުވަހު އަންދާލި ތަންތަން ހަމަ އެގޮތަށް ފެންނަން އެހުރީއެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގެ މަލަމަތި އޮތީ އާދައިގެ ގޮތަކަށެވެ. ކުރީ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ގިނަ ބަޔަކު ތިބީ މާޔޫސް ކަމާއި ކަންބޮޑުވުމެއްގެ ތެރޭގައިއެވެ. ގައުމު ދަތުރުކުރަމުންދާ މިސްރާބެއް ނޭގިފައެވެ. ބައެއް މީހުން ގޯޅި ގޯޅި ކަންމައްޗަށާއި ޕާޓީ ހަރުގެ ތަކުގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވަނުން ދިޔައެވެ.

ފެބްރުއާރީ 8 ވަނަ ދުވަހު އެމްޑީޕީން އެޕާޓީގެ ކުއްލި ބައްދަލުވުމެއް ދަރުބާރުގޭގައި ބާއްވާތީ އެމްޑީޕީ މެމްބަރުން ތިބީ އެކަމަށް އިންތިޒާރުކޮށްގެންނެވެ. އެގޮތުން މާލޭގައި ބޭއްވި ބައްދަލުވުމަށް ފަހު އިސްތިއުފާ ދެއްވި ރައީސް ނަޝީދު އާއި އެމްޑީޕީ އިސްވެރިން އަމީނީ މަގުން ދަތުރު ފެށި އިރު އައްޑޫގެ ގުޅިފައިވާ ރަށްތަކުން މީހުން ޖަމާވަމުން ދިޔައީ މަރަދޫ ޕާކް ސަރަހައްދަށެވެ.

ރާއްޖެ ޓީވީން ދޭތެރެ ދޭތެރެއިން އައްޑޫގެ ހަބަރުތައް ފޮނުވަމުން ދިޔައިރު އެތަނަށް ވަނީ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައެވެ. މަރަދޫ ބަނދަރަށް ޖަމާވި މީހުން ދަތުރު ފެށި ގަމާއި ދިމާލަށެވެ. އެމީހުން އަންނަ ކަން އެގިގެން ސިފައިން ތިބީ ގަމުން ފޭދޫއަށް އަރާ ފާލަމާއި ހިސާބުން ބަންދުކޮށްފައެވެ. އެމްޑީޕީ ސަޕޯޓަރުން އެމީހުންގެ ޝުއޫރު ފާޅުކުރަމުން ގޮސް ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ މައްޗަށް އެރިއެވެ. އެމްޑީޕީގެ އަޑު ދިޔައީ ގަދަވަމުންނެވެ. އިތުރު މީހުން ދިޔައީ މުޒާހަރާ އާއި ގުޅެމުންނެވެ. ކުރީ ސަފުން ހިތަދޫ މެދު ދާއިރާގެ މަޖްލިސް މެމްބަރ މުހައްމަދު ރަޝީދު (މޯޑް) އާއި މެދު ދާއިރާގެ ކައުންސިލަރ ހުސެއިން ހިލްމީ އާއި ޑެޕިއުޓީ މޭޔަރ ހަސަން ޝާހިދް އާއި ފޭދޫ ކައުންސިލަރ މިރުޒާދު ފެނެއެވެ. އަދި އެއާއި އެކު އައްޑޫގެ އެމްޑީޕީ ގެ އެންމެ އިސްވެރިން ތިއްބެވިއެވެ.

ފުލުހުންވެސް އަދި ސިފައިންވެސް މަޑު މަޑުން ތިބީއެވެ. އިރު އޮއްސުނުތަނާހެން މުޒާހަރާގެ ބައިވެރިންގެ ހަރަކާތްތައް އަވަސްވިއެވެ. ކުއްލިއަކަށް ވީނުވީއެއް ނޭގެ މީހުންތައް އަރައިގަތެވެ. އެއާއި އެކު ފުލުހުންނާއި ސިފައިން ފަހަތަށް ޖެހުނެވެ.

ދެންފެންނަން ފެށީ ގަމުގެ ޕޮލިސް ސްޓޭޝަނުގައި ރޯވެފައިވާ ތަނެވެ. އެތަނުގައި ތިބި ވެހިކަލްތަކުގައި ރޯވެ އަނދަމުން ދިޔަތަނެވެ. ފުލުހުންނާއި ސިފައިންގެ މާ ބޮޑު ހަރަކާތެއް ނުފެނެއެވެ. އެމީހުން ބޮޑަށް ބަލަމުން އައީ އަމިއްލަ ސަލާމަތަށެވެ.

ހުޅުޖެހި އިރު ގަން ޕޮލިސް ސްޓޭޝަންގެ ގޮޅިތަކުގައި ކުށްވެރިންތަކެއް ބަންދުކޮށްފައި ތިއްބެވެ އަދި އިރުކޮޅަކުން އެމީހުން ނެރުނު ތަން ފެނުނެވެ. އިސާހިތަކު އެމީހުންވެސް މުޒާހަރާތެރެއަށް ވަދެއްޖެއެވެ. ގަމުގެ ޕޮލިސް ސްޓޭޝަން ގައި ރޯވިތާ ގިނަ އިރުތަކެއް ނުވެ ފޭދޫ ކޯޓްގައި ރޯކުރިއެވެ.

އަނދިރިވަމުން ދިޔަވަރަކަށް އައްޑޫއަށް އައީ ނާމާން ކަން ވެރިވަނުންނެވެ. ގަމުގެ ޕޮލިސް ސްޓޭޝަން އަނދަމުން ދިޔަ މަންޒަރު އެތައް ބަޔަކު ބަލަންތިއްބެވެ. ލިންކް ރޯޑުން ބާރު ސްޕީޑްގައި ވެހިކަލް ތައް ދުއްވަމުން ދިޔައިރު އާއްމުން ތިބީ ބޮޑު ހާސް ކަމެއްގެ ތެރޭގައިއެވެ. އެކަކަށް ވެސް ވާނުވާ އެއް ނޭގެއެވެ. މުޒާހަރާ ބޮޑު ހުޅުޖެހުމަކަށް ބަދަލުވެގެން ދިޔައެވެ.

ފޭދޫ ކޯޓްގައި ރޯކޮށްލިތާ ކުޑަ އިރުކޮޅެއް ނުވެ މަރަދޫ ފޭދޫ ކޯޓުގައި ރޯކުރިއެވެ. ދެތިން ފަހަރަކު ރޯކުރުމުންވެސް އެރަށު ބަޔަކު ނިކުމެ އެތަން ނިއްވިއެވެ. އެއާއި އެކު ދެންފެނިގެން ދިޔައީ މަރަދޫ ކޯޓް އަނދަން ފެށިތަނެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ހިތަދޫ ޕޮލިސް ސްޓޭޝަނަށް ބޮޑެތި ގަލާއި ދަނގަޑު ބުރިތަކުން ހަމަލަ ދޭން ފެށިއެވެ. އަދި އިރުކޮޅެއް ނުވެ އެތަނުގައި ބަންދުކޮށްފައި ތިބި ކުށްވެރިން ދޫކޮށްލިތަން ފެނުނެވެ. އަދި އެއާއި އެކު އެމީހުންވެސް ހުޅު ޖަހަމުން ދިޔަ މީހުންތެރެއަށް ވަދެއްޖެއެވެ. ހުޅު ޖަހަމުން ދިޔައީ ޕިކަޕެއްގައި މޫނު ނިވާކޮށްގެން ތިބި ބައެކެވެ. އެމީހުންގެ ފަހަތުން ސައިކަލްތަކުގައި ގިނަބަޔަކު އެހީވަމުން ދިޔައެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އެކަމޮޑޭޝަންގައި ހުޅުޖެހީ ދާދީ އެކުއެކީގައިއެވެ. އެވަގުތު ފުލުސް ޖިޕެއްގައި އައި ހަތަރު ފުލުހުކު ޕޮލިސް އެކޮމޮޑޭޝަން ތެރެއަށް ވަނެވެ. އޭރު އެތަނުގައި ރޯވެ ގަދައަށް އަނދަމުން ދަނީއެވެ. އެމީހުނަށް އެތަނުން އަތުޖެހުނީ ދެތިން ދަބަހެކެވެ. އެހިސާބުގަނޑުގައި ގިނަ ބަޔަކު އެއްވެ ރޯވެފައި ހުރި މަންޒަރު ބަލަން ތިއްބެވެ. އެއްބައެއްގެ މޫނުމަތިން ފެންނަނީ ވަރަށް "އުފާވެރި" މަންޒަރުތަކެވެ. އެއާއި އެކު ހިތްވަރު ދިނުމުގެ ބަސްތަކުން ހިތްވަރު ދެމުން ދިޔައެވެ.

ލިބެން ދިޔަ ހިއްވަރާއި އެކު ހުޅުޖަހަމުން ދިޔަ މީހުން ދެން މިސްރަބް ޖެހީ ހިތަދޫ ޕޮލިސް ޓްރޭނިން ސެންޓަރަށެވެ. އެތަނަށް ވަދެ އެކި ހިސާބުތަކުގައި ރޯކުރިއެވެ. އޭރު އެއިމާރާތް ތެރޭގައި ސާކް ސަމިޓަށް ގެނައި ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކްކޮށްފައި ހުއްޓެވެ. ހުޅުޖަހަމުން ދިޔަ މީހުން އެތަނުގެ ތެރެއަށް ވަދެ ރޯކުރި އެވެ. ޕޮލިސް ޓްރޭނިން ސެންޓަރު ތެރޭގައި ގިނަ އަދަދެއްގެ ގޮދަޑި އާއި އަންނައުނު ސާމާނާއި ކޮންމެ ވެސް ވަރަކަށް ޕެޓްރޯލް ރައްކާ ކޮށްފައި ހުރި ކަމަށްވެއެވެ.

ޕޮލިސް ޓްރޭނިން ސްކޫލްގައި ރޯވި އަލިފާންގަނޑު ހުރީ ހިތަދޫ މަތިން އަރާފައެވެ. މީހުންތައް ގެއިން ނިކުމެ މަގު މަތީގައި މަންޒަރު ބައްލަން ތިއްބެވެ. އެންމެން ވެސް ތިބީ ވާނުވާ އެއް ނޭގި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޕޮލިސް ޓްރޭނިން ސްކޫލް ރޯކޮށްލައި ދެން މިސްރާބު ޖެހީ ހިތަދޫ ލިންކު ރޯޑުގައި ހުންނަ ޕީޖީ އޮފީހަށެވެ. އެތަނުގެ ބިއްލޫރިތައް ތަޅައި އަނިޔާ ކުރުމަށް ފަހު އެތަނުގައިވެސް ރޯކުރިއެވެ. ދެން ހުޅުޖެހީ ހިތަދޫ ކޯޓުގައި އެވެ. ހިތަދޫ ކޯޓުގައި ތަފާތު ތިންފަހަރު މަތިން ހުޅު ޖެހިކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކޯޓު ތަކާއި ފުލުހުންގެ މަރުކަޒުތައް އަންދަމުން ދިޔައިރު އެދުވަހުގެ އިރު އޮއްސެމުން ދިޔަ ވަގުތު ހުޅުދޫ ކޯޓުގައި ވެސް ރޯކުރިއެވެ. އަދި މީދޫގައި ހުންނަ ފުލުހުންގެ މަރުކަޒަށާއި މީދޫ ކޯޓު އަންދާލަން މަސައްކަތް ކުރިއެވެ. ނަމަވެސް މީދޫ ރައްޔިތުން ނިކުމެ އެ ދެ ތަން ސަލާމަތް ކުރިއެވެ.

އައްޑޫގެ އެތައް ތަނެއް އަންދާ އަޅިއަށް ހަދާލީ ކުޑަ ކުޑަ ވަގުތު ކޮޅެއްގެތެރޭގައި އެވެ. އެމަންޒަރު އެތައްބަޔަކު ދިޔައީ ބަަލަމުންނެވެ. އެއްބަޔަކު ދިޔައީ އެކަން ކުރި މީހުނަށް ހިތްވަރު ދެމުންނެވެ.

އެކަން ހުއްޓުވުމަށް މަސައްކަތް ކުރި ރަށްރަށުގައި ހުރި ތަންތަން ހުރީ ސަލާމަތުންނެވެ. މަރަދޫ ފޭދޫ ކޯޓާއި މީދޫ ކޯޓް އެ ރަށު ރައްޔިތުން ހިމާޔަށް ކުރިއެވެ.

އައްޑޫ އަންދާލީ އަހަރެމެންގެ އަތުންނެވެ. އަންދަލީ އަހަރެމެންގެ މުދަލެވެ. އަޅިއަށްވެގެން ދިޔައީ އަހަރެމެންގެ ހައްޤުތަކެވެ. އެކަމަކަު އެކަން ކުރި އެއްވެސް މީހަކު މި އުޑު ދަށަކު ނެތެވެ. އެކަމަށް އިންސާފެއް ނެތެވެ. އެކަމުގެ ޒިއްމާ ވަނެ ފަރާތެއް ނެތެވެ. ސިޔާސީ މައްސަލައަކާއި ހެދި އަހަރެމެން އަމިއްލައަށް އަލިފާނަށް އެރެންޖެހޭ ސަބަބެއް ނެތެވެ. މިއަދު މީ އަހަރެމެން އަތުން އައްޑު އަންދާލތާ އެއް އަހަރު ފުރޭ ހިތާމަވެރި "ކަޅު" ދުވަހެކެވެ.