މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނީ މިއަހަރު ރާއްޖޭގެ ސްކޫލް ތަކުގައި 74،000 އަށް ވުރެ ގިނަ ކުދިން ކިޔަވަން ފެށުނު އިރު އެއްވެސް މައްސަލައެއް ސްކޫލްތަކުގައި ދިމާ ނުވާނެވަރަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން އެހެން އަހަރުތަކާއި ހިލާފަށް ޓީޗަރުންގެ މައްސަލަ މިނިސްޓްރީން ހާއްސަ އިސްކަމެއްދީގެން ހައްލުކޮށްފައިވާ އިރު ރާއްޖޭގެ ސްކޫލްތަކުގައި 6900 ޓީޗަރުން ކިޔަވައިދޭ އިރު އޭގެ ތެރޭގައި 2100 ބިދޭސީ ޓީޗަރުން ހިމެނޭކަމަށެވެ.
މިއަހަރުގެ ދިރާސީ އާ އަހަރު މިފެށީ ކުރީގެ އަހަރުތަކާއި ހިލާފަށް ގިނަ ސްކޫލްތަކުގައި ޕްރީ ސްކޫލް ކިޔެވުން ހިމަނައިގެންނެވެ. އެހެންވެ ރާއްޖޭގެ ގިނަ ސްކޫލްތަކުގައި މިއަހަރު ޕްރީ ސްކޫލް ފެށުމަށް ގިނަތައްޔާރީތައް ވާން ޖެހުނެވެ.
އެޑިއުކެޝަން މިނިސްޓްރީން ބުނީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު ފޮތުގެ މައްސަލަވެސް ހައްލު ކުރެވިފައިވާ ކަމަށެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ކުދިން ކިޔަވަމުން އަންނަ އައްޑޫގެ ސްކޫލްތައްވެސް މިވަނީ ދިރާސީ އާއަހަރަށް ތައްޔާރުވެފައެވެ.