Last Updated: May 25, 09:04
Sunday, May 25, 2025
ޚަބަރު

ދެމަފިރިން މަރުވީ ގުދުރަތީ މަރަކުން ކަމަށް ބެލެވޭ: ފުލުހުން

ސަން ފޮޓޯ

އިއްޔެ މެންދުރު މ. ލައިޓް ސިގްނަލް ގޭގެ ފަސްވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބާ ފެނުނު ވިލުފުށީ ދެމަފިރިން މަރުވެފައިވަނީ ގުދުރަތީ މަރަކުންކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ދެމަފިރިންގެ ހަށިގަނޑުގެ ބޭރުން އެއްވެސް ކަހަލަ ގެއްލުމެއްގެ ނިޝާނެއް ފެންނަން ނެތްކަމަށާއި، ކޮޓަރި ތެރެއިން ވެސް ޝައްކު ކުރެވޭ ކަހަލަ ކަމެއް ފެނިފައި ނުވާކަމަށެވެ.

ތ. ވިލުފުށީ، ގާސިމް ޝާހިދު، 50 އަދި ރަޒީނާ އިބްރާހިމް، 40 ގެ ހަބަރެއް މެންދުރުވި އިރުވެސް ނުވުމުން އާއިލާ ބަޔަކު އެދެމީހުން ނިދަން ވަން ކޮޓަރީގެ ދޮރު ހުޅުވާލައިގެން ބެލި އިރު ތިބީ އާދައިގެ މަތިން ނިދާފައެވެ. އެހެންވެ އެމީހުންނަށް ގޮވުމުން ވެސް ހޭނުލުމުން ފުލުހުންނަށް ރިޕޯޓް ކުރީއެވެ.

ދެމަފިރިންގެ ހަށިގަނޑުގެ ޓެސްޓްތަކެއް އައިޖީއެމްއެޗްއިން ހެދުމަށްފަހު މިހާރުވަނީ މޯޗަރީއަށް ލާފައެވެ. އައިޖީއެމްއެޗުން އެދެމަފިރިންގެ ހަށިގަނޑު ބެލި ޑޮކްޓަރުން ބުނާ ގޮތުން އެމީހުން މަރުވިތާ 8 ގަޑިއިރު ވެދާނެއެވެ.

މި ދެމަފިރިންގެ 3 ކުދިން ތިބި އިރު 2 ކުއްޖަކަށް 18 އަހަރުވެސް ނުފުރެއެވެ.

މި ހާދިސާ އައި ގުޅިގެން މުޅި އާއިލާ ޝޮކެއްގައި ތިބިއިރު، އެދެމަފިރިންނާއި ބެހެ ގޮތުން ގާތް މީހުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އެމީހުން ބުނާ ގޮތުން އެ ދެމަފިރިންނަކީ ސޯލިހް އެކަކު އަނެކަކަށް އިހްތިރާމް ކުރާ ހެޔޮ ދެމަފިރިންކަމަށެވެ.

މިހާދިސާ ފުލުހުން ގެންދަނީ ތަހްގީގް ކުރަމުންނެވެ.