ލޯކަލް ކައުންސިލް އިންތިޚާބް ބާއްވަން އިލެކްޝަންސް ކޮމިޝަނުން އަލުން އިއުލާން ކޮށްފައިވަނީ ސިވިލް ކޯޓުގެ ހުކުމާ ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވި ގޮތުގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ރިއާޔަތް ކޮށްފައި ކަމަށާއި ސިވިލް ކޯޓުގެ ހުކުމްގައި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް އަލުން ހުޅުވާލުމަށް އަންގާފައި ނުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ހުޅުވާލާފައިވަނީ އިންތިހާބުގެ ހުރިހާ ކަމެއް އަލުން ބަލުން ކުރަން ކަމަށް ވާތީ އެކަމަށް ފާޑުވިދާޅުވެ ސަމީރު ވިދާޅުވީ، އެއީ ސިވިލް ކޯޓުގެ ހުކުމާ ހިލާފަށް އިލެކްޝަނުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ހުރިހާ ކަމެއް އަލުން ކުރާ ގޮތަށް ހަމަޖެއްސީ ހުރިހާ ސިޔާސީ ޕާޓީ ތަކެއްގެ މަސްލަހަތަށް ވުރެ ވަކި ބަޔަކަށް ކަންކަން ފަހިވާނެ އަދި ވަކި ބަޔަކަށް ކަންކަން ކުރަން ފަސޭހަ ވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް ސަމީރު ވަނީ ތުހުމަތު ކުރައްވާފައެވެ.