Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކޯޓް ފަޓުލޫނުގައި އޮފީހަށް ދާން ޖެހޭ ގަރާރު އުވާލައިފި

ލަންކާ ސަރުކާރުގެ ވެރިން ކޯޓްފަޓުލޫނު ލައި ޓައީ އަޅައިގެން އޮފީހަށް ވަޑައިގަތުން ލާޒިމްކުރާ ގަރާރު އެ ޤައުމުގެ ރައީސް މައިތުރިޕަލަ ސިރިސޭނާ އުވާލައްވައިފިއެވެ.

ކޯޓްފަޓުލޫނު ލައި ޓައީ އަޅައިގެން އޮފީހަށް ވަޑައިގަތުން ސަރުކާރުގެ ވެރިންގެ މައްޗަށް އަމަލުކުރުން ލާޒިމްކޮށް ނެރެފައިވާ ގަރާރު އުވާލާފައި މިވަނީ އެއަށް އަމަލުކުރަމުން ގެންދާތާ 26 އަހަރު ފަހުންނެވެ.

އެ ގަރާރު އުވާލެއްވުމަށްފަހު ރައީސް ސިރިސޭނާ ވިދާޅުވެފައިވަނީ، ސަރުކާރުގެ ވެރިން ރަސްމީ ގަޑީގައި އޮފީސްތަކަށް ވަޑައިގަތުމަށް އެބޭފުޅުންނަށް ފަސޭހަފުޅު ހެދުމެއް ލެއްވިދާނެ ކަމަށެވެ.

"އަޅުގަނޑުމެން ލާންޖެހޭނީ އަޅުގަނޑުމެންގެ މޫސުމާއި، މާހައުލާ ގުޅޭ ހެދުން. އެހެންވެ އަޅުގަނޑު މިބުނަނީ އޮފިޝަލުން ކޯޓްފަޓުލޫނު ލާކަށް ކޮންމެހެން ޖެހިވަޑައި ނުގަންނަވާނެއޭ. މިވަގުތުން ފެށިގެން އެއީ މަޖުބޫރުކަމެއްނޫން" ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސިރިސޭނާ ވިދާޅުވެފައި ވެއެވެ.

ސިރިސޭނާ ވިދާޅުވީ، ކޯޓްފަޓުލޫނު ލައި ޓައީ އަޅައިގެން އޮފީސްތަކަށް ވަޑައިގަތުމަށް ސަރުކާރުގެ އިސްވެރިންގެ މައްޗަށް މަޖުބޫރުކޮށް 1991 ވަނަ އަހަރު ނެރުނު ގަރާރުގެ ސަބަބުން، އެފަދަ ހެދުން ލައިގެން އޮފީސްތަކަށް ވަޑައިގަތުން ބައެއް ބޭފުޅުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ.

ސްރީލަންކާ ސަރުކާރުގެ އެންމެ އިސްވެރިންގެ އިތުރުން ސިވިލް ސާވަންޓުންވެސް އާންމުކޮށް އޮފީސްތަކަށް ދިއުމަށް ލައިއުޅެނީ 1815-1949 ވަނަ އަހަރާ ދެމެދު އެގައުމުގެ މައްޗަށް އިނގިރޭސީން އިސްތިއުމާރީ ވެރިކަންކުރަމުންދިޔަ ދުވަސްވަރު ސްރީލަންކާގެ ވެރިކަންކުރި ފަރާތްތަކުގެ ކިބައިން ވާރުތަވެފައިވާ ފަރުމާތަކުގެ ހެދުންތައް ކަން ފާހަގަކޮށްލެވެއެވެ.

=