ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަދި ވިޔަރެއަލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ބާސާ ތާވަލުގެ ތިންވަނައަށް ވެއްޓިއްޖެއެވެ.
މެޗުގެ ފުރަތަމަ ގޯލު ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ވިޔަރެއަލް އިން ޖަހައި ބާސާއަށް އިތުރު ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. ފުރަތަމަ ހާފުގައިވެސް އާދައިގެ ކުޅުމެއް ފެނުނު ބާސާ ޓީމަށް މެޗުން ބަލިނުވެ ނިންމުމަށް އިތުރު ހިތްވަރެއް ލާން ޖެހުނެވެ.
ނަމަވެސް މެޗުގެ ބޮޑުބައި ކުޅުނީ ބާސާއަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ވިޔަރެއާލަށް މެޗު ކާމިޔާބުވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ބާސާ ސަލާމަތްކޮށްދީފައިވަނީ ލިއޯ މެސީއެވެ.
އޭރިޔާ ބޭރުން މެސީއަށް ލިބުނު ހިލޭ ޖެހުމެއް އޭނާ ވަނީ ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މެޗަށްފަހު ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ ޓީމެއްގެ ގޮތުގައި އޭނާގެ ކުޅުންތެރިންނަށް ރޭގެ މެޗުގައި ނުކުޅެވޭ ކަމަށާއި ވަކިވަކި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
މެޗުން އެއްވަރުވެ ލިބުނު ޕޮއިންޓާއެކު ބާސާ ތިންވަނައަށް ވެއްޓިފައިވާއިރު ތާވަލުގެ އެއްވަނައިގައި އޮތީ ރިއަލް މެޑްރިޑްއެވެ. އެހެން ޓީމުތަކަށްވުރެ އެއް މެޗު މަދުން ކުޅެފައިވާ ރިއަލް ވަނީ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ރޭމެޗުން އެއްވަރުވެ ލިބުނު ޕޮއިންޓާއެކު ބާސާއަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. ރިއަލްއަށް 40 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި ސެވީއާ އޮތީ 36 ޕޮއިންޓާއެކުއެވެ.