ދުނިޔޭގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ، ފީފާއިން ހޮވި 2016 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު، ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެއެވެ.
ރޮނާލްޑޯގެ އިތުރުން މި އެވޯޑަށް ވާދަކުރި 2 ކުޅުންތެރިންނަކީ ވާދަވެރި ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އާއި އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް، އެންޓޮއިން ގްރިޒްމަން އެވެ.
މި އެވޯޑު ރޮނާލްޑޯއަށް ލިބުނުއިރު، މިދިޔަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރުކަން ފާހަގަކޮށްލެވެއެވެ. ރެއާލްއާއެކީ ޗެމްޕިއަންސް ލީގު އާއި ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައި ވާއިރު އޭނާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމާއެކީ ޔޫރޯ ފުޓްބޯޅަ މުބާރާތް، މިދިޔަ އަހަރު ކާމިޔާބުކޮށްފައެވެ.