Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ސޯލާ ޕެނަލް ހަރު ކުރުމުގެ ހުއްދަ އަށް ލިމިޓެއް

ސޯލާ ޕެނެލް ބޭނުން ކުރުމުގެ ހުއްދަ ދެވޭނެ ލިމިޓެއް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އާދަމް ވިދާޅުވެފައިވާ ގޮތުގައި، ސޯލާ ޕެނެލް ބޭނުން ކުރުމުގެ ހުއްދަ ދެވޭނީ ކޮންމެ ރަށެއްގައި ވެސް ކަރަންޓް ބޭނުންކުރާ ފުލްލޯޑުގެ ތިރީސް ޕަސެންޓް އާއި ހަމައަށް ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެޚިދުމަތް ދިނުމަށް ހަމަޖައްސާފައި ވަނީ ފުރަތަމަ އަންނަ މީހާއަށް އިސްކަންދޭ އުސޫލުން ކަނޑައެޅިފައިވާ ޖާގަ ހަމަވަންދެން ކަމަށެވެ. އަދި އެރަށަކަށް ކަނޑައަޅާފައިވާ 30 ޕަސެންޓް ހަމަވުމުން ދެން އިތުރަށް ޖާގަ ނުދޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

“ކޮންމެ ރަށެއްގެވެސް ދުވާލުގަޑީގައި ނަގާ ލޯޑުގެ ތިރީސް ޕަސެންޓް ކޯޓާގެ ސިފައިގައި ދޭނީ. މިސާލަކަށް ރަށެއްގެ ދުވާލުގަޑީގެ މެކްސިމަމް ލޯޑަކީ ސަތޭކަ ކިލޯވޮޓްސް. އެހެން ކަމަށްވާނަމަ އެރަށަށް ސޯލާ ބޭނުން ކުރުމަށް އަޅުގަނޑުމެން ހުއްދަދޭނީ ތިރީސް ޕަސެންޓް. އޭގެ މާނައަކީ ތީރީސްކިލޯވޮޓޭ. އެ ތިރީސްކިލޯ ވޯޓަށްވުރެ ގިނައިން މީހުން ހުށަހަޅައިފި ކަމަށްވާނަމަ ދެން ޖާގަ ނުދޭނެ. އެހެންވީމާ ފަސްޓް ކަމް ފަސްޓް ސަރވް ސިސްޓަމް އޮންނާނީ،” ޝަރީފް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯލާ ޕެނަލްތަކާއި ބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލުތައް ވަރަށް އަވަހަށް ފެނަކައިގެ ރީޖަނަލް އޮފީސްތަކަށް ފޮނުވާނެ ކަމަށެވެ.