Last Updated: June 26, 06:30
Friday, June 26, 2026
ކުޅިވަރު

ރާއްޖޭގެ ފުރަތަމަ ރޯވިން މުބާރާތް މާޗް މަހު

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ރޯވިން މުބާރާތް މާޗް 13 ގައި ފަށަން ނިންމައިފިއެވެ.

ރޯވިން އެސޯސިއެޝަންގެ ރައީސް އަހްމަދު ހަބީބު (ހަބީ) ވިދާޅުވީ، މުބާރާތް މާޗް 13 ގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވިފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ރޯވިން އެސޯސިއޭޝަންގެ ކޯޗު މެދުވެރިކޮށް ތަމްރީނު ހޯދުމުގެ ފުރުސަތު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މުބާރާތަށް ވަކިން ކޯޗުން ހަމަޖެއްސުމުގެ އިހްތިޔާރު ޓީމްތަކަށް އޮންނާނެ ކަމަށެވެ.

އަންހެން، ފިރިހެން ޑަބަލްސް ޓީމްތަކަށް ބައިވެރިވެވޭ ގޮތަށް މުބާރާތް ކުރިއަށްގެންދާއިރު، ކޮންމެ ޓީމެއްގައި މަދުވެގެން ރިޒާވަރަކާއި އެކު 3 އެތްލީޓުން ބައިވެރިވާން ޖެހޭނެއެވެ. މި މުބާރާތާއި ބެހޭ މައުލޫމާތު 9631918 އަދި 9690432 އަށް ގުޅައިގެން ލިބޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރޯވިން އެސޯސިއޭޝަން އަކީ އަތޮޅުތެރޭގައި ހިންގާ ހަމައެކަނި ގައުމީ އެސޯސިއޭޝަންއެވެ. މި އެސޯސިއޭޝަންގެ އެތްލީޓުން ވަނީ ދާދި ފަހުން ވިއެޓްނާމްގައި ކުރިއަށްދިޔަ ބީޗް ގޭމްސްގައި ބައިވެރިވެ ރަނގަޅު ކާމިޔާބެއް ހޯދާފައެވެ.