Last Updated: June 27, 20:02
Saturday, June 27, 2026
ރިޕޯޓް

އިޔާދަކުރަނިވި ހަކަތަ ލިމިޓްކޮށް ފީ ނަގަނީ، ބޮޑު ޖޯކެއް!

ތެޔޮ އަންދައިގެން އިންސާނުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް މަޖުބޫރުވެފައިވާ ދުނިޔޭގައި އޭގެ ބަދަލުގައި އިޔާދަކުރެނިވި ހަކަތަ ބޭނުން ކުރަން ފެށުމުން އެވަސީލަތުން ފީއެއް ނެގުމަކީ 50 އަހަރު ފަހަތަށް އެނބުރި ދިއުން ނޫންތޯއެވެ؟

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނޭދެވޭ އަސަރުތައް ކުރަމުން އަންނަ އެއް ގައުމަށް ދިވެހި ރާއްޖެ ވެފައިވާއިރު އިޔާދަކުރެނިވި ހަކަތައަށް އިސްކަން ނުދެވެންޖެހޭ ސަބަބެއް އޮންނަން ޖެހޭނެތޯއެވެ؟

ސޯލާ ޕެނަލް ހަރުކޮށް އިޔާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ހޯދުމަށް ވިޔަފާރިވެރިންނާއި ބައެއް އާންމުން އިސްނަގައި އެމަސައްކަތް ކުރަން ފެށުމުން ކޮންމެ ރަށެއްގައިވެސް ސޯލާ ޕެނެލް ހަރުކުރެވޭނީ މިވެނި ވަރަކަށޭ ބުނެ ލިމިޓުކޮށް އިޔާދަކުރެނިވި ހަކަތަ ބޭނުން ކުރުމުން ފީއެއް ނެގުމަކީ ނުސީދާ ގޮތެއްގައި އެކަން ނުކޮށް، ތެޔޮ އަންދައިގެން ދުނިިޔެ ފަނާ ކުރުންމަތީގައި ދެމިތިބޭށޭ ބުނުން ނޫންތޯއެވެ؟

ދިވެހި ސަރުކާރުން 2020 ވަނަ އަހަރު ދިވެހި ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރަން ޖެހޭ އަމަލީ މަސައްކަތުގެ ޕްލޭނެއް ތައްޔާރުކުރަން ޖެހޭއިރު ރައްޔިތުން އިޔާދަކުރެނިވި ހަކަތައާއި ދުރަށް ދިއުމަށް ބާރުއެޅުމުގެ ބަދަލުގައި އެފަދަ ވަސީލަތްތައް ބޭނުންކުރުމުގައި މަދަދުވެރިވެ އެހީތެރިވުން މާއައުލާކަން ބޮޑު ނުވޭތޯއެވެ؟

އަމިއްލަ ޖީބު ފުރާލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ދަރިންނާއި ދަރިންގެ ކުރިމަގު ސަލާމަތްކޮށް އެދަރިންނަށް މިރާއްޖޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށް މަސައްކަތް ކުރުން މުހިއްމުނުވަނީތޯއެވެ؟