ޔާހޫގެ ނަން އަލްތަބާއަށް ބަދަލުކޮށް އެކުންފުނީގެ މިހާރުގެ ސީއީއޯ މެރިސާ މޭޔާ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޔާހޫއިން ބުނެފިއެވެ.
ޔާހޫއިން އެވާހަކަ އިއުލާންކޮށްފައިވަނީ އެކުންފުނިން ވެރިޒަން ކޮމިއުނިކޭޝަންއާއިއެކު ވެފައި އޮތް އެއްބަސްވުން އުވާލުމަށްފަހުއެވެ.
ޔާހޫގެ ޑިޖިޓަލް އިޝްތިހާރު ކުރުން، އީމެއިލް އަދި އެހެނިހެން މީޑިއާ އެސެޓްތައް ހިމެނޭ ގޮތަށް އެކުންފުނިން ވަނީ މައި އިންޓަނެޓް ވިޔަފާރި ވެރިޒަން އަށް 4.83 ބިލިއަން ޑޮލަރަށް ވިއްކާލުމަށް އެއްބަސްވެފައެވެ.
އެ އެއްބަސްވުމުގެ ޝަރުތުތައް ބަދަލު ކުރެވިދާނެއެވެ. އެހެން ނޫންނަމަ އެއްބަސްވުން އެއްކޮށް އުވާލުމުގެ ފުރުސަތު އެބައޮތެވެ. ޔާހޫއިން ވަނީ މިދިޔަ އަހަރު ދެފަހަރެއްގެ މަތިން ޑޭޓާ ލީކުވެފައިވާކަން ހާމަ ކޮށްފައެވެ. ފުރަތަމަ ފަހަރު ގާތްގަނޑަކަށް 500 މިލިއަން ކަސްޓަމަރުންގެ އެކައުންޓް ތަފްސީލްތައް ލީކްވެފައިވާއިރު، ދެވަނަ ފަހަރަށް ލީކްވީ އެއް ބިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ ތަފްސީލްތަކެވެ.
ވެރިޒޮންގެ އެގްޒެކެޓިވްސް ބުނެފައިވާ ގޮތުން ޔާހޫއާއިއެކު ޑީލްއެއް ހެދުމަކީ ވަރަށް ސްޓްރެޓީޖިކް ކަމަކަށް ވިނަމަވެސް، އެކުންފުނިން ދަނީ އަދިވެސް ޑޭޓާތައް ލީކްވި މައްސަލަ ތަހުޤީގު ކުރަމުން ކަމަށެވެ.
ޔާހޫއިން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ވާގޮތުން، ވެރިޒޮންއާއި އެކު ކުރުމަށް ނިންމާފައިވާ ޑީލް ބަންދު ކުރުމާއިއެކު އެކުންފުނީގެ އިތުރު ފަސް ޑިރެކްޓަރުން މަޤާމުން އިސްތިއުފާ ދެއްވާނެއެވެ.
ތެން ތިބި ހުރިހާ ޑިރެކްޓަރުންވެސް ހަވާލުވެގެން ތިއްބަވާނީ އަލްތަބާއާއެވެ. އަލްތަބާ އަކީ ޗައިނާގެ އީކޮމާސް ކުންފުންޏެއް ކަމަށްވާ އަލީބާބާ ގްރޫޕް ހޯލްޑިންގް ލިމިޓެޑްގައި 15 އިންސައްތަ ހިއްސާ އަދި ޔާހޫ ޖަޕާންގެ 35 އިންސައްތަ ހިއްސާ އޮންނާނެ ކުންފުންޏެކެވެ.
އާކުންފުނިން ވަނީ އެކުންފުނީގެ ބޯޑުގެ ޗެއާމެންގެ މަޤާމަށް ޖެނުއަރީ 9 ވަނަ ދުވަހުން ފެށިގެން އެރިކް ބްރެންޑްޓް އިސްކުރައްވާފައެވެ.