ފާއިތުވި ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ސައުދިއަރަބިއްޔާއިން ހަދިޔާކުރި ކަދުރު ރައީސްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ޞަދަގާތް ފައުންޑޭޝަނުން ބެހުމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް އެންޓީކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
ސައުދިއަރަބިއްޔާއިން ހަދިޔާކުރި ކަދުރު ރައީސްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ޞަދަގާތް ފައުންޑޭޝަނުން ބެހި މައްސަލަ އޭސީސީއަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުންނެވެ.
އޭސީސީއަށް ހުށަހެޅި މައްސަލަ ނިންމައި އޭސީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސައުދީން ފޮނުވި 50 ޓަނުގެ ކަދުގެ ތެރެއިން 500 ފޮށީގެ ކަދުރު ފިނޭންސް މިނިސްޓްރީން މުލިއާގެއާ ހަވާލުކުރީ ދަރުމައަށް އެތަކެތި ބެހުމަށް މުލިއާގެއިން ޝައުގުވެރިކަން ފާޅުކުރުމުން ކަމަށެވެ.
"މިކަން މި ގޮތަށް ކޮށްފައި ވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް މިކޮމިޝަނަށް ފާހަގަކުރެވިފައިވެ އެވެ. އެހެންކަމުން، އެކަން އެގޮތަށް ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެ މައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނަޑައަޅައި މި ކޮމިޝަނުން އެ މައްސަލަ ނިންމާފައި،" އޭސީސީއިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން މުލިއާގެއާ ހަވާލުކުރި 500 ކަދުރު ފޮށި އެކިއެކި ހަރަކާތްތަކުގެ ތެރެއިން ބަހާފައި ވަނީ ސޮދަގާތް ފައުންޑޭޝަނުންނެވެ. އެތަކެތި ބަހައްޓާފައި ހުރީ ޖަނަވަރީމަގުގައި ހިންގާ ރައީސް ޔާމީން 2018 އޮފީހުގަ އެވެ.