Last Updated: June 26, 06:30
Friday, June 26, 2026
ވިޔަފާރި

އުރީދޫގެ 4ޖީ+ ގެ ހިދުމަތް 100 ރަށަކަށް

އުރީދޫގެ 4ޖީ+ ހިދްމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ ތެރެއިން މިހާތަނަށް 100 ރަށަކަށް އެ ހިދްމަތް ފޯރުކޮށްދީފިއެވެ.

4ޖީ+ ގެ ހިދްމަތް ލ. ފޮނަދޫއަށް ފޯރުކޮށްދިނުމަށް ފަހު ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންގ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުން މިފަދަ ކުރިއެރުމުގެ ފުރުސަތުތަކާ ގުޅުވައި ދިނުމުގައި އެ ކުންފުނީގެ ބައިވެރިވުން އޮތުމަކީ ފަހުރެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ ގައުމެއްގެ ތަރައްޤީގައި އިންޓަނެޓަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި، އުރީދޫން ހަލުވި ސްޕީޑެއްގައި މި ހިދްމަތް ރާއްޖެއަށް ފުޅާ ކުރުމަށް ކުރައްވާ މަސައްކަތްތަކާއި މެދު އުފާކޮށް، ޝުކުރު ދެންނެވިއެވެ.

އުރީދޫން ވަނީ މިހާތަނަށް ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅަށް 4ޖީ+ ގެ ހިދުމަތް ފޯރުކޮށްފައެވެ. އެއީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓްކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން 4ޖީ+ ހިދްމަތް ލިބޭ ރިސޯޓްތަކުގެ ލިސްޓެއް އުރޫދޫގެ ވެބްސައިޓްގައި ވަނީ އާއްމުކޮށްފައެވެ.

އުރީދޫގެ ކޮންމެ ކަސްޓަމަރަކަށް ވެސް 4ޖީ ސިމްކާޑެއް ލައްވާފައިވާ 4ޖީ+ ފޯނެއް މެދުވެރިކޮށް، މި ހިދުމަތް ލިބޭ ސަރަހައްދުތަކުން 4ޖީ+ ނެޓްވޯކް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ހިދުމަތަށް އުރީދޫން އެއްވެސް އަގެއް ނުނަގަ އެވެ.

މިހާރު ގެންގުޅޭ ސިމްކާޑުން 4ޖީ+ ބޭނުންކުރެވޭތޯ ބެލުމަށް “4G”ޖެހުމަށް ފަހު 5353 އަށް އެސްއެމްއެސްއެއް ފޮނުވުމުން އެކަން އެނގޭނެ ކަމަށް އުރީދޫން ބުންޏެވެ