މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކ. އާރަށުގައި ބެހެއްޓިކަމަށް ބުނާ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޕްރޮސެކިިއުޓަރ ޖެނެރެލްގެ އޮފީހަށް މިހާރު ފޮނުއްވާފައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ދައުލަތުން ކުރިއަށް ގެންދާކަމެއްކަމަށް ތުހުމަތުކޮށް އެ ދައުވާ އަނބުރާ ގެންދިއުމަށް ނަޝީދުގެ ފަރާތުން ގޮވާލައިފިއެވެ.
ނަޝީދުގެ ރަސްމީ ވެބްސައިޓްގައި މިއަދު ނެރުނު ބަޔާނެއްގައި ގޮވާލާފައިވަނީ ނަޝީދުގެ މައްޗަށް ތަފާތު ސިޔާސީ ދައުވާ އުފުލުން ހުއްޓާލައި ޕްރޮސެކިއުޓަރ ޖެނެރެލްގެ ޤަނޫނީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށެވެ.
ނަޝީދުގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ ޓެރަރިޒަގެ ކުށުގެ އެއްވެސް ޢަމަލެއް ރައީސް މުޙައްމަދު ނަޝީދު ހިންގާފައިނުވާ ކަމަށެވެ. އެހެންވެ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއެއް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫންކަމަށެވެ.
"ވަކިން ޙާއްޞަކޮށް ކުރިން ޢަމަލުކުރަމުން ގެންދިޔަ ޓެރަރިޒަމް ގާނޫނު މިހާރު އުވާލެވިފައިވާހިނދު، ބާޡިލްކޮށްފައިވާ ޤާނޫނެއްގެ ދަށުން ދަޢުވާއެއް ކުރަން އުޅުމަކީ ޤާނޫނީ އުޞޫލުތައް ނިޔާކުރާ ގޮތުން ހަމަޖެހޭ ކަމެއް ނޫނެވެ."
ރައީސް ޔާމީން އިންތިޚާބުވެވަޑައިގަތުމަށްފަހު ސިޔާސީ ދައުވާތައް އިންތިހާއަށް އިތުރުވެ، ޤާނޫނު އަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑުކުރައްވައި ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާއި، ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކުގެ ހިންގުން ހުއްޓުވައި ޑިމޮކްރަޓިކް ނިޒާމް ނެތިކޮށްލާފައިވާކަމީ ދިވެހިންނަށް ލިބޭ ނިކަމެތިކަމެއްކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ
އަދި މިފަދަ ކަންކަމުގެ މެދުވެރިންނަށް ދައުލަތުގެ މުވައްސަސާތައް ވެވަޑައިގަތުމުން ދުރުވެ ޤާނޫނުގެ ވެރިކަން ހިންގެވުމަށް ބާރު އެޅުއްވުމަށް ވެސް ވަނީ ގޮވާލާފައެވެ..