Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ސޯލާ ޕެނަލްގެ ކަސްޓަމް ޑިއުޓީ އަށް %20

ހުޅުދޫ ގެއެއްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރު ކުރަނީ.

2014 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ހަކަތައާ ދިމާއަށް ދަތުރު ކުރުން ކަމަށެވެ.

އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ސަރުކާރުން ދައްކަނީ އިޔާދަކުރުވަނިވި ހަކަތަ ނުވަތަ ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމަށް އިސްކަންދޭނެ ވާހަކައެވެ.

ކަރަންޓަށް ދެމުން އައި ސަބްސިޑީތައް ކަނޑާލުމާއި، ތެލުގެ ސާޗާރޖް ބޮޑު ކުރުން ފަދަ ކަންތަކާއި ގުޅިގެން މާޔޫސްވި ރައްޔިތުންނަށް އެންމެ ރަގަޅު ގޮތެއް ކަމުގައި ޤަބޫލުކުރެވުނީ އިޔާދަކުރަނިވި ހަކަތައާއި ދިމާލަށް މިސްރާބު ޖެހުމެވެ.

އައްޑޫ އަށް ބަލާއިރު، އެންމެ ފުރަތަމަ އާންމު ރައްޔިތުންގެ ތެރެއިން ދެތިން މީހަކު ސޯލާ ޕެނަލް ގެނެސް ކަރަންޓް އުފައްދަން ފެށިއެވެ. އެހިސާބުން އެއީ ކުރެވިދާނެ ކަމެއް ކަމުގައި ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ޤަބޫލުކުރެވުނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫގައި ސޯލާ "ފޯރި" މިވަނީ މެކުހަށް ޖަހައިފައެވެ.

ވިޔަފާރިވެރިންނާއި ހިސާބުން ފެށިގެން އެންމެ އާދައިގެ ރައްޔިތު މީހާގެ ވިސްނުން ވެސް ހުރީ ސޯލާ ޕެނަލް ގެނެސްގެން ކަރަންޓު ހަރުުކުރުމަށެވެ. އެހެން ނަމަވެސް އެކަން ކުރުމަށް ރައްޔިތުންނަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ތެރެއިން އެއްކަމަކީ ކަސްޓަމްސް ޑިއުޓީއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވެބްސައިޓް ބުނާގޮތުން ދިވެހިރާއްޖެއަށް ސޯލާ ޕެނަލް އެތެރެ ކުރާނަމަ ކަސްޓަމްސް އަށް ޑިއުޓީގެ ގޮތުގައި %20 ދައްކަން ޖެހެއެވެ.

ދިވެހިރާއްޖެ އާއި އަވަށްޓެރި ޤައުމުތަކަށް ބަލާއިރު މި އަދަދަށް ސޯލާ ޕެނަލް އެތެރެ ކުރަން ކަސްޓަމްސް ޑިއުޓީ ދައްކަން ޖެހޭ އެއްވެސް ޤައުމެއް ނެތެވެ. އެހެން ކަމުން މިއީ، ދިވެހިރާއްޖޭގެ ސަރުކާރުން ކޮންމެހެން ވެސް ވިސްނާލަން ޖެހޭ ކަމެކެވެ.

ސޯލާ ޕެނަލް ޑިއުޓީ އާއި ބެހޭގޮތުން ކަސްޓަމްސް އަށް ގުޅާލުމުން ބުނީ، ވެބްސައިޓްގައި ބުނާ %20 ޑިއުޓީ ނަގާނެ ކަމަށެވެ. އަދި ކަސްޓަމްސްގެ ޑިއުޓީ މާފުކުރަން އެދޭނަމަ، ޖެހެނީ ރައީސް އޮފީހަށް އެކަމަށް އެދި ސިޓީއެއް ހުށަހަޅަން ކަމަށެވެ. ކަސްޓަމްސް އިން ޑިއުޓީ ފްރީކޮށްދެނީ، އެކަމަށް ރައީސް އޮފީހުގެ ހުއްދަ ލިބުމުން ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.