Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ކާބުލްގައި ހިނގި ބޮމުގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ

ފޮޓޯ؛ ރޮއިޓާސް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެޤައުމުގެ މަޖިލިސް ގޭ ކައިރީގައި ހިނގި ޓްވިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 30 މީހުން މަރުވެ 80 މީހުންނަށް އަނިޔާ ވެއްޖެއެވެ.

އަންގާރަ ދުވަހު އެހަމަލާތައް ހިނގާފައިވަނީ މަޖިލިސް ގެއިން މުވައްޒަފުން މަސައްކަތް ނިންމާފައި ނިކުތް ގަޑީގައެވެ. އެއީ އެސަރަޙައްދަށް އެންމެ ބާރު ބޮޑުވާ ވަގުތެވެ.

ތާލިބާން އިން އެހަމަލާތަކުގެ ޒިންމާ ނަގާފައި ވާއިރު، އެގްރޫޕް އިން އެހަމަލާތައް އަމާޒް ކޮށްފައި ވަނީ އަފްޣާނިސްތާނުގެ އިންޓެލިޖެންސް އޭޖެންސީގެ މެމްބަރުންނަށެވެ.

ކަންޑަހާރް ގައި ގަވަރުނަރުގެ ގެސްޓް ހައުސްގައި ހިނގި ހަމަލާތަކުގައި ފަސް މީހުން މަރުވެ 14 މީހުން ޒަޚަމް ވެފައިވެއެވެ. އޭގެ ތެރޭގައި އެކުވެރި އަރަބް އިމާރާތުގެ ސަފީރުވެސް ހިމެނިވަޑައިގަންނަވައެވެ.

ޕްރޮވިންޝަލް ގަވަރުނަރު ކަމަށްވާ ހުމަޔޫން އަޒީޒީ އަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެބޭފުޅާގެ ތަރުޖަމާނު ބީބީސީއަށް މަޢުލޫމާތު ދީފައިވެއެވެ.

އެމްބެސެޑަރު ކަމަށްވާ ޖުމާ މުހައްމަދު އަބްދުﷲ އަލް-ކާބީ އަދި އިތުރު އެތައް ޔޫއޭއީގެ ޑިޕްލޮމެޓުންވެސް ޒަޚަމް ވެފައިވާ އެހަމަލާއަކީ ވަރަށް އިހާނެތި ގޮތަކަށް ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިން ހެލްމާންޑްގެ ވެރިރަށް ކަމަށްވާ ލަޝްކަރު ގާހްގައި އިންޓެލިޖެންސް އޮފިސަރަކު ބޭނުންކުރާ ގެސްޓް ހައުސް އަކަށް ތާލިބާންގެ މެމްބަރަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ހަތް މީހުން މަރުވެ އިތުރު ހަ މީހަކަށް ވަނީ އަނިޔާ ވެފައެވެ.