މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ސިނެމާ ހިންގަމުން އަންނަ ކުންފުނި ކަމަށްވާ ޝްވެކްއާއި ހުޅުމާލޭގައިވެސް ސިނެމާއަށް ހިންގުމަށް ހަވާލު ކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިނެމާ ހިންގަން ޝްވެކްއާއި ހަވާލުކޮށް އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަންއެވެ. އަދި ޝްވެކް ސިނެމާގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އަފްރާޝީމެވެ.
އެޗްޑީސީއިން މަޢުލޫމާތު ދޭގޮތުގައި ހުޅުމާލޭގައި ހެދޭ ސިނެމާ ބިނާ ކުރާނީ މިހާރު ހުޅުމާލޭގައި ހަދަމުންދާ ކޮމިއުނިޓީ ސެންޓަރުގައި ކަމަށެވެ.
އަދި ހުޅުމާލޭގައި ޤާއިމް ކުރެވޭ ސިނެމާގައި ހުންނާނީ މާލޭގެ ޝްވެކް ސިނެމާގައި ހުންނަ ސްކްރީނަށްވުރެ ދެގުނަ ބޮޑު ސިނެމާއެއް ކަމަށާއި، އެސިނެމާގައި 180 މީހުންގެ ޖާގަ ހުންނާނެ ކަމަސްވެސް އެޗްޑީސީ އިން ބުނެއެވެ.
މާލޭގައި ބޮލީވުޑް އަދި ހޮލީވުޑްގެ އެންމެ ފަހުގެ ފިލްމްތައް އަޅުވާ ހަމައެކަނި ސިނެމާއަކީ ޝްވެކްއެވެ.
އެކުންފުނިން ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި ޤާއިމް ކުރެވޭ ސިނެމާ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.