Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ކޯސްޓްގާޑް ޚިދުމަތަށް އިތުރު ފަސް އުޅަނދު

ފޮޓޯ: އެމްއެންޑީއެފް ޓްވިޓާ

ދިވެހި ރާއްޖޭގެ ދިފާޢީ ބާރު ކަމަށްވާ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޚިދުމަތަށް އިތުރު ފަސް އުޅަނދު ގެނެސްފިއެވެ.

ވަގުތީ ގޮތުން ސިފައިންގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމާއި ހަވާލުވެގެން ހުންނެވި ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވި ކަމަށް ވަގުތު އޮންލައިން ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަލަށް ގެނެވުނު އުޅަނދުތައް ކޯސްޓްގާޑް ޚިދުމަތަށް ނެރުމަށްޓަކައި މާދަމާ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެރަސްމިއްޔާތު ބޭއްވިގެން ދާނީ އިއްޒުން ފާލަން ކައިރީގައި މާދަމާ ހަވީރުގެ ވަގުތެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެރަސްމިއްޔާތުގެ ތެރެއިން ފަލި ޖެހުން، ރިޔަލު ދޯނީގައި ދުއްވުން އަދި އެހެނިހެން ޘަޤާފީ ކުޅިވަރުތައްވެސް ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެރަސްމިއްޔާތަކީ އަސްކަރިއްޔާއިން ބާއްވާ ޙަރަކާތެއް ކަމުން އެރަސްމިއްޔާތު އާންމުކޮށް ބެލުމުގެ ފުރުސަތު ރައްޔިތުންނަށް ނުލިބޭނެ ކަމުގައި ވީނަމަވެސް، ލައިވްކޮށް އެރަސްމިއްޔާތުގެ ހުރިހާ ބައިތަކެއްވެސް ޓީވީއެމް މެދުވެރިކޮށް ބްރޯޑްކާސްޓް ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.