ދާދިފަހުން ސޯނަމް ކަޕޫރްއާއި ޑިރެކްޓަރު އާރް. ބަލްކީއާއި އެކު ފެނުމުން ބަލްކީގެ ފިލްމަކަށް ސޯނަމް ނަގަން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި ފެތުރިގެން ދިޔައެވެ.
އެވާހަކަތައް ތެދުކޮށް، ސޯނަމް ވަނީ އޭނާގެ ރަސްމީ އިންސްޓާގްރާމް އެކައުންޓްގައި އޭނާގެ ދެން އެންމެ އަވަހަށް ނިކުންނަނީ އާރް. ބަލްކީގެ ޑައިރެކްޝަނެއްކަން ޔަޤީން ކޮށްދީފައެވެ.
ޓްވިންކަލް ޚަންނާ ޕްރޮޑިއުސްކޮށް އާރް. ބަލްކީ ޑައިރެކްޓް ކުރާ ފިލްމް 'ޕެޑްމޭން' ގައި އަކްޝޭ ކުމާރްއާއި އެކު އަންހެން ލީޑް ރޯލް އިން ސޯނަމް ފެނިގެންދާނެއެވެ.
ސޯނަމް ކަޕޫރްގެ އިތުރުން އެފިލްމުގެ ލީޑް ރޯލަކުން ރާދިކާ އާޕްތޭ ވެސް ފެނިގެންދާނެއެވެ. 'ޕެޑްމޭން' އަކީ ހެޔޮ އަގުގައި ޕެޑް އުފައްދައި ވިއްކައިގެން މަޝްހޫރުވި އާންމު ރައްޔިތެއް ކަމަށްވާ އަރުނަޗަލަމް މުރުގަނަންތަމްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
އެފިލްމްގައި އެކި އެކި ރޯލް އަދާ ކުރުމަށް ހަމަޖެހިފައިވާ އެކްޓަރުން އެމީހުން ރޯލްތައް ޔަޤީން ކޮށްދީފައި ވިނަމަވެސް، އަދި އެފިލްމް ޝޫޓިންގް ފެށޭނެ ދުވަހަކާއި ފިލްމް ރިލީޒް ކުރާނެ ތާރީޚެއް އެނގިފައި ނުވެއެވެ.