ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން 2012 ވަނަ އަހަރު ކުރި މުޒާހަރާތަކުގެ ތެރޭގައި ހަރުގަނޑު ބަހައްޓައިގެން ސިފައިންގެ މައި އިދާރާ ހިފުމަށް މަސައްކަތް ކުރިކަމަށް ދޭހަވާ ވާހަކަ ދެއްކި މައްސަލާގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި ދެކޮޅަށް ހުށައެޅި މައްސަލަ ފުލުހުން ފައިލްކޮށްފިއެވެ.
ފުލުހުން އެމައްސަލާގައި އުމަރު ނަސީރާއި ދެކޮޅަށް އަމުރަށް ނުކިޔަމަންތެރިވި ދައުވާ 2014 ވަނަ އަހަރު އުފުލާފައިވާއިރު ޕީޖީ އޮފީހުން ވަނީ މިދިޔަ އަހަރު ޖެނުއަރީގައި ފުލުހުންނަށް ދައުވާ އަނބުރާ ގެންގޮސްފައެވެ.
ޕީޖީ އިން ފުލުހުންނަށް ދައުވާ އަނބުރާ ފޮނުވާލާފައިވަނީ މައްސަލާގައި ހުށައެޅި ވީޑިއޯ ފުޓޭޖުގެ އެނަލިސިސް ރިޕޯޓު ހުށައަޅާފައި ނުވާތީއެވެ.
ވީޑިއޯ ފުޓޭޖުގެ އެނަލިސިސް ރިޕޯޓު ހުށައެޅުމަށް ޕިޖީ އިން ފުލުހުންނަށް އެންގި ނަމަވެސް މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ނުފެންނާތީ ފުލުހުން ވަނީ މިހާރު އެމައްސަލަ ފައިލް ކޮށްފައި ކަމަށް ޚަބަރު ލިބިފައިވެއެވެ.