އެސްޓީއޯއިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ބޭސްފިހާރައެއް ހުޅުވައި ޚިދުމަތް ދޭންފަށައިފިއެވެ.
އާސަންދުގެ ހިދްމަތާއި އެކު ފެށި މި ބޭސްފިހާރައިން ހެނދުނުން ފެށިގެން ރޭގަނޑު 12 ޖެހުމާއި ހަމައަށް ހިދްމަތް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލުމާތު ދެއެވެ. އަދި 24 ގަޑިއިރު ހިދްމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުން އަންނަ އެސްޓީއޯއިން އަލަށް ހުޅުވި މި ބޭސްފިހާރައިން އާންމުކޮށް ބޭނުންވާ ހުރިހާ ބޭސް ލިބެން ހުންނާކަމަށް އެ ކުންފުނިން ބުނެއެވެ.
އައްޑޫގައި މިވަގުތު އާސަންދައިގެ ހިދްމަތް ލިބެނީ ހޮސްޕިޓަލުން ހިންގަމުން އަންނަ ބޭސްފިހާރައިންނެވެ. ނަމަވެސް އެތަނުން ގިނަ ބޭސްތައް ލިބެން ނެތުމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ.
އެސްޓީއޯއިން ބުނީ މިވަގުތުވެސް ގިނަ އަދަދެއްގެ ބޭސް ފިހާރައަށް ލެވިފައިވާނެ ކަމަށާއި ހުސްނުވެ ބޭސް ލިބެން ހުންނާނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
އެސްޓީއޯއިން އަންނަނީ ހުޅުމީދޫ ސިއްހީމަރުކަޒުގެ ތެރޭގައިވެސް ބޭސްފިހާރައެއް ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިއްޙީމަރުކަޒުގެ ތެރެއިން ބައެއް ނަގައި އެތަން މަރާމާތު ކުރަމުން އަންނަ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އަދި ކުރިއަށް ދެ މަހެއްގެ ތެރޭގައި އެ ބޭސްފިހާރައިން ހިދްމަތް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.