މުޒާހަރާތަކަށާއި އެކިއެކި ހާދިސާތަކާއި ގުޅިގެން މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށް ނިކުންނަ ފުލުހުންގެ ބައެއް އެލޮވެންސްްތައް ސަރުކާރުން ބޮޑުކޮށްފިއެވެ.
ފުލުހުންގެ އެލޮވެންސަށް މިގެނެވުނު ބަދަލާއެކު އޮފީހުގައި މަސައްކަތްކުރާ ފުލުހުންނަށްވުރެ މަގުތަކަށް ނިކުމެ ހަރަކާތްތެރިވާ އޮފިސަރުންނާއި އަތޮޅު ތަކުގައި މަސައްކަތްކުރާ ފުލުހުން އަދި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ ފޮރެންސިކްސް ފަދަ ޑިޕާޓުމެންޓުތަކަށްވެސް އެލޮވެންސް ބޮޑު ކުރެވިފައިވެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މައުލޫމާތު ދެއްވާފައިވާގޮތުން މިބަދަލަށްފަހު ފުލުހުންގެ ތެރޭގައި އޮފީސް މަސައްކަތްކުރާ ސީނިއާ އޮފިސަރެއްގެ އެލޮވެންސަށްވުރެ ފީލްޑުގައި މަސައްކަތްކުރާ ޖޫނިއާ އޮފިސަރެއްގެ އެލޮވެންސް މަތިވާނެ ކަމަށެވެ. އަދި މިހާރުވެސް ފުލުހުންނަށްވުރެ ދިފާއީ މަސައްކަތް ކުރާ އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑު ކަމަށެވެ.
ފުލުހުން ކުރާ މަސައްކަތާއި ކުރިމަތިލާންޖެހޭ ކަންތައްތަކުގެ ސަބަބުން އާ ފުލުހުން ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި ގައުމީ ސަލާމަތަށް މަގުމައްޗަށް ނިކުންނަ ފުލުހުންގެ އެލޮވެންސް ބޮޑުކޮށްފައިވަނީ މިސަބަބަށްޓަކައި ކަމަށް މީޑިޔާ އޮފިޝަލް ވަނީ މައުލޫމާތު ދީފައެވެ.
ދާދިފަހުން މާލޭގައި މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ޓްރެފިކް ފުލުހެއްގައި ސައިކަލަކުން ޖެހި ވަނީ އަނިޔާވެފައެވެ.