Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ވަގަށް ނެގި 6،000 އަށް ވުރެ ގިނަ ވެލާ އަތުލައިގެންފި

ފޮޓޯ: ބީބީސީ

6،000 އަށްވުރެ ގިނަ ވެލާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެވެލާތައް އިންޑިއާއިން ބޭރަށް ސްމަގްލް ކުރަން އުޅުނު ބަޔަކު އިންޑިއާގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ތިރިތިއްބާ ފެނުނު އެވެލާތައް ފުލުހުން އަތުލައިގަނެފައި ވަނީ އުއްތަރް ޕްރަދޭޝްގެ އަމޭތީ ކައިރިން ގޯނިތަކަކަށް ލާ ބަންދު ކޮށްފައި ވަނިކޮށެވެ.

ބަރުދަނުގައި ޖުމްލަ ހަތަރު ޓަން ހުރި އެވެލާތައް ޤައުމުން ބޭރަށް ސްމަގްލް ކުރަން އުޅުނު މައްސަލައިގައި އެކަކު ވަނީ ހައްޔަރު ކުރެވިފައެވެ. މިއީ މިހާތަނަށް ފުލުހުންގެ ސަމާލު ކަމަށް އައި ވެލާ ސްމަގްލް ކުރުމުގެ އެންމެ ބޮޑު މައްސަލައެވެ.

ސްމަގްލް ކުރަން މަސައްކަތް ކޮށްފައިވަނީ 'ފްލެޕްޝެލް' ވެލާތަކެކެވެ. 'ފްލެޕްޝެލް' ވެލާއަކީ އަދި ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު ހީވެފައި ނެތް ވެލާގެ ބާވަތެއް ނަމަވެސް، އެއީ އާންމު ގޮތެއްގައި ދެކުނު އިރުމަތީ އޭޝިއާއަށް ސްމަގްލް ކުރެވޭ ވެލާގެ ބާވަތެކެވެ. އާންމުކޮށް އެވެލާތައް އެހިސާބަށް އެތެރެ ކުރަނީ އޭގެ މަސް ކެއުމަށާއި އޭގެ ތޮށި ބޮޑު އަގުގައި ވިއްކުމަށް ޓަކައެވެ.

އެބާވަތުގެ ވެލާގެ މަހަކީ ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި ޖިންސީ އެދުން ބޮޑުކޮށްދޭ އެއްޗެކެވެ. އަދި އޭގެ ކަށިތަކަކީ ފުނޑުފުނޑު ކޮށްފައި ޘަޤާފީ ބޭސްވެރިކަމުގައި ބޭނުން ކުރާ އެއްޗެކެވެ.

އެވެލާތައް އާންމުކޮށް ފެންނަނީ ގޭންޖީސް ކޯރުން އޮހިގެންދާ ފެނުން ހެދިފައިވާ ފެންވަޅެއްގެ ކައިރިންނެވެ. އެފެންގަޑުގައި ހުންނަ މަރުވެފައިވާ މަސްތައް ކެއުމުގެ ސަބަބުން އެބާވަތުގެ ވެލާއަކީ އެފެންގަނޑު ސާފުކޮށްދޭ އެއްޗެކެވެ.

އުއްތަރް ޕްރަދޭޝްގެ ސްޕެޝަލް ޓާސްކް ފޯސްގެ އިސްވެރިޔާ އަރްވިންދް ޗަތުރްވޭދީ ވިދާޅުވި ގޮތުގައި އެއީ އޭގެ އަދަދަށާއި ބަރުދަނަށް ބަލާއިރުވެސް މިހާތަނަށް ވެލާތައް ސްމަގްލް ކުރަން މަސައްކަތް ކުރި އެންމެ ބޮޑު މައްސަލަ ކަން ކަމާއިބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދީފައި ވާކަމަށެވެ.

ޗަތުރްވޭދީ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ހައްޔަރު ކުރެވިފައިވާ ފިރިހެން މީހާއަކީ ވެލާ ސްމަގްލް ކުރާ ބޮޑު ނެޓްވޯކެއްގެ އެންމެ އިސްވެރިޔާ ކަމަށެވެ. އަދި އޭނާގެ އިތުރުން އެނެޓްވޯކްގެ އެހެނިހެން މީހުންވެސް ހައްޔަރު ކުރުން އެކަށީގެންވާ ކަމަށެވެ.