Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

އިންޑިއާގެ ދިދަ ޖަހާފައިވާ ފައިފުހި އެމެޒަން އިން ވިއްކުމުން އިންޑިއާގެ ނުރުހުން

އޮންލައިން ވިޔަފާރީގެ މައި އެއް ކުންފުނި ކަމަށްވާ އެމެޒަންގެ ކެނެޑާގެ ވެބްސައިޓްގައި އިންޑިއާގެ ޤައުމީ ދިދަ ޖަހާފައިވާ ފައިފުހި ވިއްކަމުން ދާތީ އެކަމާއި ނުރުހުން ފާޅުކޮށް އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ އެކުންފުންޏަށް ފާޑު ކިޔުއްވާފައެވެ.

ސުޝްމާ ސްވަރާޖް ޓްވީޓް ކޮށްފައިވާ މެސެޖެއްގައި ވަނީ އިންޑިއާއަށް މަލާމާތް ރައްދުވާފަދަ ޕްރޮޑަކްޓްތައް ވިއްކުން ހުއްޓާލައި އެކަން ކުރިކަމަށްޓަކައި އެމެޒަން އިން މަޢާފަށް އެދެން ޖެހޭނެ ކަމަށެވެ.

އެގޮތަށް ޢަމަލު ނުކޮށްފިނަމަ، އިންޑިއާއިން އެމެޒަންގެ އޮފިޝަލުންނަށް ދޫކޮށްފައިވާ ވިސާތައް ކެންސަލްކޮށް އަދި އިތުރަށް ވިސާ ދޫކުރުން ހުއްޓާލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމެޒަން އިން ބުނީ އެކުންފުނިން މިހާރު އެފައިފުހިތައް ވެބްސައިޓުން ނަގާފައިވާ ކަމަށެވެ.

ޓްވިޓާގައި ޕޯސްޓް ކުރެއްވި މެސެޖުތަކެއްގައި ސުޝްމާ ސްވަރާޖް ވަނީ އެމެޒަންގެ މައްސަލަ ބެއްލެވުމަށް ކެނެޑާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް އަންގަވާފައެވެ.

ތިންވަނަ ފަރާތަކުން ވިއްކަން އެމެޒަން ވެބްސައިޓްގައި އިޝްތިހާރު ކުރި ފައިފުހިތައް އެވެބްސައިޓުން ނަގާފައިވާ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

"އެ އައިޓަމް އެމެޒަން ވެބްސައިޓުން ލިބެން މިހާރަކު ނުހުންނާނެ"، އެމެޒަންގެ ތަރުޖަމާނަކު ފޮނުވާފައިވާ އީމެއިލް އެއްގައި ވެއެވެ.

އެހެން ޤައުމްތަކުގެ ދިދަ ޖަހާފައިވާ ފައިފުހިތައްވެސް އެމެޒަން އިން ވިއްކައެވެ. އެހެންނަމަވެސް، ޤައުމީ ދިދައާއިމެދު އިޙްތިރާމް ގެއްލޭ ގޮތަށް ޢަމަލު ކުރުމަކީ އިންޑިއާގައި ޖޫރިމަނާއާއި ޖަލަށް ލުމުގެ އަދަބު ދެވޭފަދަ ބޮޑު ކުށެކެވެ.

މިދިޔަ އަހަރުގެ ޖޫން މަހުވެސް ހިންދޫ ކަލާނގެއިންގެ ފޮޓޯ ޖަހާފައިވާ ފައިފުހިތައް އެމެޒަން އިން ވިއްކި ކަމުގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.