ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އާ އޮފީހެއް މާލޭގައި ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.
އެއޮފީސް ހުޅުވުމުގެ މަސައްކަތް ކުރިއަށް ދަނީ ހ. ހުރަފަ ގޭގައެވެ. އެގެ ހުންނަނީ ބޮޑު ތަކުރުފާނު މަގުގައެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވި ކަމަށް ވަގުތު އޮންލައިން ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެޕާޓީއިން ދަނީ ޕާޓީގެ ކެމްޕެއިން މަސައްކަތްތަކާއި ހުރިހާ އިދާރީ މަސައްކަތް ކުރާނެ އޮފީހެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ތަނަވަސް ދެބުރީގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަސްމީކޮށް އެ އޮފީސް ހުޅުވުމުގެ މަސައްކަތް މިއަދު ކުރިނަމަވެސް، އެ އޮފީސް ހުޅުވުން މިހާރު ވަނީ މިއަންނަ ހަފްތާއަށް ލަސްކުރެވިފައެވެ. އެއީ އޮފީހުގެ މޫނު މައްޗަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރުމުގެ ސަބަބުންނެވެ.
މީގެ ކުރިން ޕީޕީއެމްގެ އޮފީހެއްގެ ގޮތުގައި ހ. ތެމާގެ ބޭނުން ކުރަމުން އައިނަމަވެސް، ކޯޓުން އެޕާޓީގެ ހިންގުމުގެ މަސައްކަތް ޕީޕީއެމްގެ މުސްތަޝާރު ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އާއި ހަވާލު ކުރުމަށް އަމުރު ކުރުމާއި ގުޅިގެން ކުރިން ބޭނުން ކުރި އޮފީހުގައި ހުރި ޕީޕީއެމްގެ ހުރިހާ ތަކެއްޗެއް ވަނީ އެގެއިން ހުސްކޮށްފައެވެ.
އެއަށްފަހު އެޕާޓީގެ މަސައްކަތްތައް ދަރުބާރުގޭގައި އާއި އެހެނިހެން އިމާރާތްތަކުގައި ހިންގަމުން އައިއިރު، ތެމާގެ އަކީ މިހާރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އޮފީސް ހިންގަމުން އަންނަ ތަނެވެ.