ވެސްޓް ހެމް ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސުގެ ޑިމީޓްރީ ޕަޔެޓް ވިއްކާނުލާނެ ކަމަށާއި ނަމަވެސް އޭނާ ކުޅެން ބޭނުން ނަމަ އަހުލާގު ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސްޓް ހެމްގެ މެނޭޖަރު ސްޓީވެން ބިލިކް ބުނެފިއެވެ.
ނޫސްވެރިންނާއި ބައްދަލުކޮށް ޕަޔެޓްއާއި ބެހޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ބިލިކް ބުނެފައިވަނީ އޭނާގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ޕަޔެޓް ކަމަށާއި އޭނާ ވިއްކާނުލާނެ ކަމަށެވެ. އެއީ ފައިސާގެ މައްސަލައެއް ނޫން ކަމަށާއި ޓީމު އޮތް ހާލަތުން ސަލާމަތްވުމަށް ޕަޔެޓް ބޭނުންވާކަމަށް ބިލިކް ވަނީ އިތުރު ކޮށްފައެވެ.
ނަމަވެސް ޕަޔެޓްގެ އަމަލުތަކުގެ ސަބަބުން އޭނާ ޓްރެއިނިންގ އިން އެކަހެރި ކޮށްފައި ވާކަމަށާއި އެނިންމުން ބަދަލު ކުރެވޭނީ އޭނާގެ އަހުލާގު ރަނގަޅު ވުމުން ކަމަށެވެ.
ޕަޔެޓް ވަނީ ކުލަބު ދޫކޮށް ދާން ބޭނުންވާ ކަމަށް ބުނެފައެވެ. 2015 ވަނަ އަހަރު މާސޭ އިން 10.5 މިލިއަން ޕައުންޑްއަށް ވެސްޓް ހެމް އިން ގަތް ޕަޔެޓް ވަނީ އެކުލަބަށް އައިސް މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ވެސްޓް ހެމް ގެ ފަރާތުން މިސީޒަނުގައި ފެނިގެން އަންނަ ދަށް ކުޅުމުގެ ސަބަބުން އޭނާ މިހާރު ބޭނުުން ވަނީ އެހެން ކުލަބެއްގައި ކުރިއަށް ދިއުމަށެވެ.