Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ޓާޓާ ސަންސްގެ އާ ޗެއާމަން އަކަށް ނަތަރަޖަން ޗަންދްރަސޭކަރަން

ފޮޓޯ؛ ގެޓީ އިމޭޖެސް

ާޓާ ސަންސްއިން އެކުންފުނީގެ ބޯޑަށް އާ ޗެއާމަންއެއް އިސްކޮށްފިއެވެ.

އެމަޤާމާއި ހަވާލުވެ ވަޑައިގަންނަވާނީ މިހާރު ޓާޓަ ކޮންސަލްޓެންސީ ސާވިސެސްގެ ސީއީއޯގެ މަޤާމުގައި ހުންނަވާ ނަތަރަޖަން ޗަންދްރަސޭކަރަން އެވެ.

2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުއްލި ގޮތަކަށް އެމަޤާމުގައި ކުރިން ހުންނެވި ސައިރަސް މިސްޓްރީ ވަނީ މަޤާމުން ދުރު ކޮށްފައެވެ.

ޓާޓާ ސަންސްގެ އާ ޗެއާމެން އެމަޤާމާއި ހަވާލުވެ ވަޑައިގަންނަވާނީ އަންނަ ފެބްރުއަރީ މަހުއެވެ.

ހަތަރު އަހަރު ވަންދެން ޓާޓާގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކުރީގެ ޗެއާމަން ސައިރަސް މިސްޓްރީ ވަނީ އެކުންފުނީގެ ހުރިހާ ބޯޑަކުން ޑިސެމްބަރު މަހު އިސްތިއުފާ ދެއްވާފައެވެ.

ޖަގުއާ ލޭންޑް ރޯވާ އާއި ޓާޓާ ސްޓީލް އިން ފެށިގެން ގޮސް އޭވިއޭޝަންގެ ދާއިރާއާއި ސޯލްޓް ޕޭން އުފެއްދުމުގައިވެސް މަޝްހޫރުވެފައިވާ ވިޔަފާރީގެ މައި ކުންފުންޏަކީ ޓާޓާ ސަންސްއެވެ.

އައިޓީގެ ޚިދުމަތްތައް ފޯރުކޮށްދޭ ޓާޓާ ކޮންސަލްޓެންސީ ސާވިސެސް (ޓީސީއެސް) އަކީ އިންޑިއާގެ އެންމެ އަގުހުރި ކުންފުންޏެވެ. ބާޒާރުގައި އެކުންފުނީގެ ރައުސްމާލުގެ ގޮތުގައި ޖުމްލަ 67 ބިލިއަން ޑޮލަރު ވެއެވެ.

ޓީސީއެސްގެ ސީއީއޯގެ މަޤާމާއި ޗަންދްރަސޭކަރަން ހަވާލުވެ ވަޑައިގެންނެވީ 2009 ވަނަ އަހަރު ކަމުގައި ވީނަމަވެސް، އޭނާ ޓާޓަ އާއި ގުޅިވަޑައިގަތީ 1987 ވަނަ އަހަރުއެވެ. އެކުންފުނީގެ ބޯޑުން އޭނާއާއި ބެހޭގޮތުން ބުނެފައިވަނީ އޭނާ އަކީ "ޓާޓާ ލައިފާ" ކަމަށެވެ.

އޭނާ ޓާޓާ ސަންސްގެ އެގްޒެކެޓިވް ޗެއާމެންގެ މަޤާމާއި ރަސްމީ ގޮތުން ހަވާލުވެ ވަޑައިގަންނަވާނީ 21 ފެބްރުއަރީ ގައި ކަމަށް އެކުންފުނިން ނެރުނު ބަޔާނެއްގައި ވެއެވެ.