އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ އަދި ފިލްމް ހަދާ މީހެއް ކަމަށްވާ ވިލިއަމް ޕީޓާ ބްލެޓީ ނިޔާވެއްޖެއެވެ.
އުމުރުން 89 އަހަރުގައި ބްލެޓީ ނިޔާވިއިރު، އޭނާ އެންމެ މަޝްހޫރު ވެފައިވަނީ "ދި އެގްޒޯސިސްޓް" ފިލްމްގެ ވާހަކަ ލިޔެގެންނެވެ.
"ދި އެގްޒޯސިސްޓް" ބިނާކޮށްފައިވަނީ ބްލެޓީގެ ވާހަކައިގެ މައްޗަށެވެ. ބްލެޓީ ނިޔާވި ކަމުގެ ޚަބަރު ޓްވިޓާ މެދުވެރިކޮށް ހިއްސާ ކޮށްފައިވަނީ އެފިލްމްގެ ޑައިރެކްޓްކުރި ވިލިއަމް ފްރައިޑްކިން އެވެ.
ވާހަކައެއްގެ ގޮތުގައި "ދި އެގްޒޯސިސްޓް" ޗާޕު ކުރެވުނީ 1971 ވަނަ އަހަރުއެވެ. އޭގެ ދެއަހަރު ފަހުން އެވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމެއް އުފެއްދުނެއެވެ.
ހޮލީވުޑް ފިލްމް އިންޑަސްޓްރީގެ ތާރީޚުގައި ވަރަށް ކާމިޔާބު ފިލްމަކަށް "ދި އެގްޒޯސިސްޓް" ވަނީ ވެފައެވެ. އަދި ފާޑުކިޔުންތެރިން ވަނީ އެފިލްމަކީ ކްލެސިކް ބިރުވެރި ފިލްމެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.
ބްލެޓީ ނިޔާވިއިރު އޭނާގެ އަންހެނުން ކަމަށްވާ ޖޫލީ އެލީސިއާ ބްލެޓީ އެސޯސިއޭޓެޑް ޕްރެސްއަށް މަޢުލޫމާތު ދިން ގޮތުގައި ބްލެޓީ ނިޔާވީ ބުރާސްފަތި ދުވަހު މޭރީލޭންޑްގެ ބެތެސްޑާގައި ހުންނަ ހޮސްޕިޓަލެއްގައެވެ.
އަދި އޭނާ ނިޔާވީ ލޭގެ ކެންސަރުގެ ވައްތަރެއް ކަމަށްވާ މަލްޓިޕްލް މައިލޯމާގެ ސަބަބުން ކަމަށްވެސް ބްލެޓީގެ އަންހެނުން ބުންޏެވެ.
ބްލެޓީއަށް ވަނީ "ދި އެގްޒޯސިސްޓް" ގެ ސަބަބުން އެންމެ މޮޅު އެޑެޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ އެވޯޑެއް ލިބިފައެވެ. އެއަށްފަހު އޭނާ ވަނީ އެފިލްމުގެ ތިންވަނަ ބައި ކަމަށްވާ "ދި އެގްޒޯސިސްޓް 3" ލިޔެ އަދި ޑައިރެކްޓް ކޮށްފައެވެ.
ބްލެޓީ ވަނީ "އެލްސްވެއާ" އާއި "ދަ ނައިންތު ކޮންފިގަރޭޝަން" ފަދަ ވާހަކަތައްވެސް ލިޔެފައެވެ.
އޭނާގެ ފިލްމް ކްރެޑިޓްތަކުގެ ތެރޭގައި "އަ ޝޮޓް އިން ދަ ޑާކް"، "ދަ ގްރޭޓް ބޭންކް ރޮބަރީ" އަދި "ޕްރޮމިސް ހާ އެނީތިންގު" ހިމެނެއެވެ.