ފްލޮރިޑާގެ ހޮސްޕިޓަލެއްގައި އަލަށް ވިހެއި އަންހެން ކުއްޖަކު ވަގަށް ނެގިތާ 18 އަހަރު ފަހުން ދިރިހުއްޓާ ފެނިއްޖެ ކަމަށް ދެކުނު ކެރޮލީނާގެ ފުލުހުން ބުނެފިއެވެ.
1998 ވަނަ އަހަރުގެ ޖުލައި މަހު ވަގަށް ގެންދިޔަ ކާމިޔާހް މޮބްލީ ފެނިފައި ވަނީ ފުލުހުންނަށް ލިބުނު މަޢުލޫމަތަކާއި ގުޅިގެންނެވެ.
އޭނާ ވަގަށް ނެގި ކަމުގެ މައްސަލައިގައި ދެކުނު ކެރޮލީނާގެ ވޮލްޓާބޮރޯގެ ފުލުހުން ވަނީ އުމުރުން 51 އަހަރުގެ ގްލޯރިއާ ވިލިއަމްސް ހައްޔަރު ކޮށްފައެވެ.
ވަގަށް ގެންދިޔަ މޮބްލީ ދިރިއުޅެމުން ދިޔައީ އޭނާގެ އަސްލު ނަމުގައެވެ. އަދި އޭނާ ޤަބޫލު ކުރެވިފައި އޮތް ގޮތުގައި އޭނާގެ މަންމައަކީ ވިލިއަމްސްއެވެ.
އެމައްސަލައިގެ ޚަބަރު މިހާރު ވަނީ މޮބްލީ އުފަންވި އޭނާގެ އަސްލު އާއިލާއަށް ފޮނުވާފައެވެ.
ޖެކްސަންވިލް ޝެރިފްގެ އޮފީހުން ބުނެފައިވާ ގޮތުގައި މޮބްލީއަކީ ކާކުކަން ޑީއެންއޭ ރިޕޯޓްތަކުން ވަނީ ސާބިތުވެފައެވެ.
މޮބްލީ ހުރީ ރަނގަޅު ސިއްޙަތެއްގައި އާދައިގެ 18 އަހަރުގެ އަންހެނެއްގެ ގޮތުގައި ކަމަށްވެސް އެރިޕޯޓްގައި ވެއެވެ.
އެއޮފީހުން ބުނެފައިވާ ގޮތުގައި މޮބްލީ ގެއްލުނު ފަހުން ފުލުހުންނަށް 2،500 އަށްވުރެ ގިނަ ޓިޕް ލިބިފައިވާ ކަމަށާއި އެންމެ ފަހުން މިސިންގްކިޑްސް އެންޖީއޯ އަށް ލިބުނު މަޢުލޫމާތަކީ އެމައްސަލަ ސޯލްވް ކުރުމަށް އެހީވެދިން ޓިޕް ކަމަށެވެ.
މިމައްސަލައިގައި ވިލިއަމްސް ހައްޔަރު ކުރެވުނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މޮބްލީ ވަގަށް ނަގާފައިވަނީ މިހާރު ޔޫއެފް ހެލްތު ޖެކްސަންވިލްގެ ނަމަށް ބަދަލު ކުރެވިފައިވާ ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ ސިއްޙީ އެހީތެރިއެއް ކަމަށް ހެދިގެން ހުރި އަންހެނެކެވެ. އެއިރު މޮބްލީގެ އުމުރުން ވާނީ އެންމެ 8 ގަޑިއިރެވެ.