އަންނަ އަހަރު ބާއްވާ ރިއާސީ އިންތިހާބް ރައީސް އަބްދުﷲ ޔާމީން ކާމިޔާބް ކުރައްވާނީ "އެއްބުރުން" ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)ގެ ކެމްޕެއިން އޮފީހުގެ ފަރާތުން ރޭ ހުޅުމާލޭގައި ބޭއްވި "ފެށުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ އިންތިހާބް ރައީސް ޔާމީން ކާމިޔާބް ކުރައްވާނީ ފަސޭހަކަމާއި އެކު ބޮޑު ތަފާތަކުން "އެއްބުރުން" ކަމަށެވެ.
އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ޖެހޭކަމަށް ގިނަ ދިވެހިން މިއަދު ގަބޫލް ކުރާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރައްވާނީ، އިދިކޮޅު ފަރާތްތަކަށް "ހަނގާ" ކުރަން ނުކެރޭ ވަރުގެ ބައްޔަކުން ބަލި ކުރުމަށްފަހުގައި ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމަށް އަލި އަޅުއްވައި ވާހަކަ ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ 3 އަހަރު ތެރޭގައި ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖަހާފައިވާ ކަމަށާއި، ރާއްޖެ ކުރިއަރަމުން އަންނަނީ އަވަށްޓެރި އެހެން ގައުމު ތަކާއި އެއް ހަމައެއްްގައި ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި ކުރައްވަން ޖެހުނު ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި އެމަނިކުފާން ގެންދަވަނީ ކުރައްވަމުން ކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ މަޖްލިސް މެމްބަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.