މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށްދޭން ގެންދިޔަ ކޭކެއްގެ ތެރެއިން މަސްތުވާތަކެތި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަތުލައިގެންފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެފައިވަނީ މިތަކެތި އަތުލައިގެންފައިވަނީ ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއްގެ އަންހެން ކޮއްކޮއެއް އޭނައަށް ދޭން ގެންދިޔަ ކޭކެއްގެ ތެރެއިންނެވެ.
އާއިލާއަށް ގައިދީންނާއި ބައްދަލުކުރުމަށް ދެވޭ ފުރުސަތުގައި ފަހަކަށް އައިސް ޖަލަށް އެތެރެކުރުން މަނާ އެއްޗެހި އެތެރެކުރަން މަސައްކަތްކުރާ މިންވަރު އިތުރުވެފައިވާކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވެއެވެ.
އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ގައިދީން ޖަލުގައި ހޭދަކުރާ ދުވަސްތަކުގެ ތެރޭގައި އިސްލާހުވެ އުޅުން ރަނގަޅު ކުރުމަށް ހުރަސް އެޅި މުޖުތަމައަށް އަލުން ނިކުތުމުގެ ފުރުސަތު ކުޑަވާކަމަށްވެސް އެމްސީއެސް އިން ބުނެފައިވެއެވެ.
މިދިޔަ ޑިސެމްބަރު މަހުގައިވެސް މާފުށީ ޖަލަށް ގައިދީއަކަށް ޒިޔާރަތް ކުރުމަށް އައި އާއިލާ މެމްބަރަކު ގެނައި ސާމާނު ތެރޭގައި ފޯނަކާއި އޭގެ ޗާޖަރު އަދި ބައްތި ފޯނެއްގެ ބެޓެރީއާއި ސިމްކާޑެއް ފެނި އަތުލައިގެނެފައިވާ ކަމަށް އެމްސީއެސް އިން މައުލޫމާތު ދީފައިވެއެވެ.