Last Updated: July 1, 00:12
Tuesday, June 30, 2026
މުނިފޫހިފިލުވުން

ޖޯނީ ޑެޕާއި އެމްބާ ވަރިވަނީ

ފޮޓޯ: އޭޕީ

'ޕައިރޭޓްސް އޮފް ދަ ކެރީބިއަން' ފިލްމް ސީރީސްގައި ކެޕްޓަން ޖެކް ސްޕެރޯގެ ރޯލް ކުޅޭ މަޝްހޫރު ފިލްމީ ތަރި ޖޯނީ ޑެޕްއާއި އެކްޓްރެސް އެމްބާ ހާޑްގެ ވަރި ފައިނަލް ވެއްޖެއެވެ.

އުމުރުން 53 އަހަރުގެ ޑެޕް ވަނީ ހާޑް އަށް 7 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ. ހާޑް ބުނާ ގޮތުން އޭނާ އެފައިސާ ދެ ޗެރިޓީއަކަށް ހަދިޔާ ކުރާނީއެވެ.

އެކުގައި އުޅުނު ދުވަސްވަރު ޑެޕްއާއި ހާޑް ގެންގުޅު ދެކުއްތާ ކަމަށްވާ ޕިސްޓޯލް އާއި ބޫ ލިބޭނީ އުމުރުން 30 އަހަރުގެ ހާޑް އަށް ކަމަށް ވަނީ ހަމަޖެހިފައެވެ.

އޭނާ ވަނީ ޑެޕްގެ މައްޗަށް ގެވެށި އަނިޔާ ކުރިކަމުގެ ތުހުމަތު ކޮށްފައެވެ. އަދި ޑެޕް ވަނީ އެތުހުމަތު ދޮގު ކޮށްފައެވެ.

ކޯޓަށް ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި ވާގޮތުން ޑެޕް ވަނީ ހާޑްއަށް ޖިސްމާނީ ގޯނާ ކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޒުވާބެއްގެ ތެރެއިން ހާޑްއާއި ދިމާލަށް ޑެޕް ވަނީ މޯބައިލް ފޯނެއްވެސް އެއްލާފައި ކަމަށް އެލިޔުންތަކުގައި ވެއެވެ.

ޑެޕްގެ ވަކީލު ވަނީ އެތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި ފުލުހުންވެސް ބުނެފައިވާ ގޮތުގައި އެކުށުގެ އެއްވެސް ހެއްކެއް ފެނިފައި ނުވެއެވެ.

ވަރީގެ ޝަރުތުތައް މިދިޔަ އޮގަސްޓް މަހު ހަމަޖެއްސި ނަމަވެސް، ވަރި ސާބިތުވެފައި ވަނީ މިހަފްތާގެ ތެރޭގައެވެ. އެއީ ހާޑްއަށް ދައްކަން ޖެހޭ ލާރި ޑެޕް ދޭންޖެހެނީ ޗެރިޓީ ތަކަށްތޯ ނުވަތަ ސީދާ ހާޑްގެ އަތަށްތޯ ކަމާއިމެދު އެދެމީހުންގެ ވަކީލުންގެ މެދުގައި ދެބަސްވުންތައް އުފެދިފައި ހުރުމުންނެވެ.

ހާޑް ބުނީ އޭނާ އެފައިސާ ހަދިޔާ ކުރާނީ އެމެރިކެން ސިވިލް ލިބަޓީސް ޔޫނިއަން (އޭސީއެލްޔޫ) އަދި ލޮސް އެންޖެލިސްގެ ޗިލްޑްރެންސް ހޮސްޕިޓަލަށް ކަމަށެވެ.

ޑެޕްއާއި ހާޑް ވަރިވާން ނިންމީ 2016 ވަނަ އަހަރުގެ މެއި މަހުއެވެ.. އެއިރު އެދެމީހުން ކައިވެނި ކުރިތާ 18 މަސް ދުވަސްވެސް ނުވާނެއެވެ. އަދި އެދެމީހުންގެ ކައިވެންޏަށް އެއްވެސް ދަރިއަކު ލިބިފައެއް ނުވެއެވެ.