މިހާރު ހޮލީވުޑްގައިވެސް ނަންކިޔާލެވޭ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއަށް އޭނާގެ އިނގިރޭސި ޑްރާމާ ސީރީސް 'ކުއަންޓިކޯ'ގެ ސެޓުގައި މަސައްކަތް ކުރަނިކޮށް އަނިޔާ ވެއްޖެއެވެ.
ހަމަ އެވަގުތު ޕްރިޔަންކާއަށް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
އުމުރުން 34 އަހަރުގެ ޕްރިޔަންކާ ވަނީ މިހާރު ހޮސްޕިޓަލުން ދޫކޮށްފައި ކަމަށާއި އޭނާ ދަނީ އަރާމު ކުރަމުން ކަމަށް އޭބީސީގެ ޕްރޮޑަކްޝަން ޓީމްގެ ތަރުޖަމާނަކު އެންޓަޓެއިންމެންޓް ޓުނައިޓް އަށް މަޢުލޫމާތު ދިން ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކުރެއެވެ.
ޓީއެމްޒެޑް އިން ބުނާގޮތުގައި އެޑްރާމާގެ ސްޓަންޓް އެއް ކުރަނިކޮށް ބުރާސްފަތި ދުވަހު ޕްރިޔަންކާ ވެއްޓި ބޮލަށް ވަނީ އަނިޔާ ލިބިފައެވެ.
ހޮސްޕިޓަލަށް ގެންގޮސް އިމާޖެންސީ ކޮޓަރީގައި ފަރުވާ ދިނުމަށްފަހު މާގިނަ ގަޑިތަކެއް ނުވަނީސް ޕްރިޔަންކާ ވަނީ ދޫކޮށްލާފައެވެ. މިހާރު އޭނާ ދަނީ ގޭގައި އަރާމް ކުރަމުންނެވެ.
ހުކުރު ދުވަހު 'ކުއަންޓިކޯ' އިން ބޭއްވި ޕްރެސް އިވެންޓެއްގައިވެސް ޕްރިޔަންކާއަށް ވަނީ ބައިވެރިވެވޭނެ ގޮތެއް ނުވެފައެވެ.
މިހަފްތާ ބަންދަށްފަހު ޕްރިޔަންކާ އެނބުރި މަސައްކަތަށް އަންނާނެ ކަމަށް އޭނާގެ ތަރުޖަމާނު މަޢުލޫމާތު ދިނެވެ.
ޑްރާމާގެ ދެވަނަ ސީޒަނަށްޓަކައި އޭގެ ޝޫޓިންގް ވަނީ ނިއު ޔޯކް އަށް ބަދަލު ކުރެވިފައެވެ. އަދި ޕްރިޔަންކާގެ ކުޑަ ކުޑަ އެކްސިޑެންޓްގެ ސަބަބުން އެޑްރާމާގެ ޕްރޮޑަކްޝަން މެދުކަނޑާ ނުލާނެއެވެ.
މިދިޔަ އާދިއްތަ ދުވަހު ކުރީގެ މިސް ވޯލްޑް ކަމަށްވާ ޕްރިޔަންކާ ވަނީ 74 ވަނަ ގޯލްޑެން ގްލޯބް އެވޯޑް ޝޯއަށްވެސް ގޮސްފައެވެ.
ހޮސްޕިޓަލުން ޕްރިޔަންކާ ވަނީ މިހާރު އެޑުމިޓު ކުރުމަށްފަހު ދޫކޮށްލާފައެވެ. ކުއަންޓިކޯގެ ޕްރޮޑިއުސަރުން ބުނެފައިވަނީ އަންނަ ހަފްތާގައި ޕްރިޔަންކާ ޝޯ އާއި އަލުން ގުޅުމުން ޝޫޓިން ކުރިއަށް ގެންދާނެ ކަމަށެވެ.