މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުންގެ ތެރެއިން މުޖުތަމަޢަށް އަލުން އަނބުރާ އަންނަން ބޭނުންވެފައި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކެއް ދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސްޓީއޯ) އިން ނިންމައިފިއެވެ.
އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި މީގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން އެކުންފުނިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
އެސްޓީއޯ އިން ވަނީ މިހާތަނަށް ނުކުޅެދުންތެރިކަން ހުރި 6 ފަރާތަކަށް ވަޒީފާ ދީފައެވެ.
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހި، އަލުން އަނބުރާ މުޖުތަމަޢުއަށް އަންނަން ބޭނުންވާ ޒުވާނުންނަށް ޚާއްސަކޮށްގެން ވަޒީފާގެ ފުރުސަތުތައް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
އެހެން ނަމަވެސް އެސްޓީއޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހުޅުވާލާ ވަޒީފާގެ ފުރުޞަތުގައި ހުޅުވާލާނީ ކިތައް ވަޒީފާގެ ފުރުސަތު ކަމެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިންގެ ތެރެއިން އަލުން އަނބުރާ މުޖުތަމަޢަށް އަންނަން ބޭނުންވެފައި ތިބި ކުދިންނަށް ވަޒީފާގެ ފުރުޞަތު ދިނުމާއި ގުޅޭ އެއްބަސްވުމުގައި އެސްޓީއޯއިން ވަނީ، ނޭޝަނަލް ޑްރަގް އެޖެންސީއާއެކު ސޮއިކޮށްފައެވެ.