Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ކަނޑިންމަ ރިސޯޓަށް މުވައްޒަފުން ހޯދަނީ

ކަނޑިންމަ ރިސޯޓުގެ މަންޒަރެއްގެ ނަމޫނާ ޑިޒައިނެއް - ފޮޓޯ: ސަން އޮންލައިން

. ކަނޑިންމާގައި އަޅާ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ މަޤާމްތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އެރިސޯޓްގެ ހިއުމަން ރިސޯސެސްގެ ޑިރެކްޓަރު ކަމަށްވާ މުހައްމަދު އާތިފް ވިދާޅުވި ކަމަށް ސަން އޮންލައިން ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެރިސޯޓުގެ އަމާޒަކީ ވަޒީފާތަކުގެ 65% އަށް ދިވެހީން ހޯދުމެވެ. އަދި އެކަން ހާސިލް ކުރުމުގެ މަޤްސަދުގައި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި އޯޕަން ޑޭތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެންމެ ފުރަތަމަ އޯޕެން ޑޭ ބާއްވަން ރާވާފައިވަނީ 20 ޖެނުއަރީ ގައި ފުވައްމުލަކުގައެވެ. އެއަށްފަހު ޖެނުއަރީ 22 ގައި އައްޑޫ ސިޓީ ހުޅުދޫގައި އަދި 23 ޖެނުއަރީގައި އައްޑޫ ސިޓީގައި ހިތަދޫގައިވެސް އޯޕެން ޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެރަށްތަކުގެ އިތުރުން އޯޕެން ޑޭގެ ޙަރަކާތްތަކެއް ދ. އަތޮޅުގެ ބައެއް ރަށްރަށުގައިވެސް ބޭއްވިގެން ދާނެއެވެ.

ކަނޑިންމަ ރިސޯޓް ވެގެންދާނީ ރާއްޖޭގައި އޮންނަ އެންމެ ބޮޑު ސްވިމިންގް ޕޫލް އޮންނަ ރިސޯޓަށެވެ. އެރިސޯޓުން މުވައްޒަފުން ހޯދަމުންދާ މަޤާމްތަކުގެ ތެރޭގައި ވެއިޓަރު، ސްޕާ އެޓެންޑެންޓުން، ހައުސްކީޕިންގް އެޓެންޑެންޓުން، ގެސްޓް ރިލޭޝަންސް އޮފިސަރުން އަދި ކިއު އެން ބެލް އެޓެންޑެންޓުން ހިމެނެއެވެ.

ހަމަ އެއާއިއެކު ބޯޓު ކެޕްޓަންއާއި ބޯޓު ކްރޫއިންގެ އިތުރުން ސެކިއުރިޓީ އޮފިސަރުންނާއި ކިޗަން ސްޓާފުން އަދި މެކޭނިކުންވެސް ހޯދުމުގެ މަސައްކަތް އެރިސޯޓުން ދަނީ ކުރަމުންނެވެ.